ނ. މަނަދޫގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގެ، ނައީމާ މޫސާގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި މަނަދޫ، ފެހިވިލާގެ، އަހުޒަމް (23 އ) ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ޝަރީއަތް ނިމެންދެން އަހްޒަމް ބަންދުކުރަން ކޯޓުން އަމުރުކުރީ މިމަހުގެ 11 ވަނަ ދުވަހު އޭނާގެ ބަންދަށް ޖެހި ފަސް ދުވަހުގެ މުއްދަތު ހަމަވާތީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ.
ނައީމާގެ މަރުގެ މައްސަލައިގައި އަހްޒަމް ހައްޔަރުކުރުމާ ގުޅިގެން އޭނާ ވަނީ ނައީމާ މަރާލި ކަމަށް އެއްބަސްވެ އެކަން ކުރި ގޮތް ފުލުހުންނަށް ކިޔާދީފައި ކަމަށް އެނގިފައިވެ އެވެ.
މިމައްސަލައިގައި އަހްޒަމްގެ އިތުރުން މަނަދޫ، ފިނިފެންމާގެ، އަބްދުލްވާހިދު ރިފާސް (21 އ) އާއި، މަނަދޫ، މަނަދޫ، ވިނަރެސް، ހުސައިން ފަވާޒު (21 އ) ވެސް ހުރީ ހައްޔަރުކޮށްފަ އެވެ. ޝަރީއަތް ނިމެންދެން ފަވާޒު ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާއިރު ރިފާސްގެ ބަންދަށް ކޯޓުން ދީފައިވާ 30 ދުވަސް އަދި ހަމައެއް ނުވެ އެވެ.
އަހްޒަމް އާއި ރިފާސް ހައްޔަރުކުރީ މަނަދޫންނެވެ. ނަމަވެސް ފަވާޒް ހައްޔަރުކުރީ މާލެ އިންނެވެ. އަހްޒަމް ފުރަތަމަ ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ. އޭރުވެސް ފުލުހުން ދިޔައީ ނައީމާގެ މަރުގެ މައްސަލައިގައި އަހްޒަމަށް ޝައްކުތަކެއް ކުރެވޭތީ އޭނާއަށް ފާރަލަމުން ކަމަށް މައުލޫމާތު ލިބެ އެވެ.
ނައީމާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު ނައީމާ ޑިއުޓީއަށް ނުގޮސްގެން އަދި އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އެ ދުވަހު ހަވީރު އެ ގެއަށް ގޮސް ނައީމާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލިއިރު އެވެ. ފުލުހުން ގެއަށް ވަންއިރު ނައީމާ އޮތީ ޒަހަމްތަކަކާ އެކު ތަޅުންގަނޑު މަތީގައި މަރުވެފަ އެވެ. އަދި ހަށިގަނޑުގައި ގިނަ އަދަދަކަށް ޒަހަމު ހުރި ކަމަށް އެނގިފައިވެ އެވެ.
ޕޯސްޓްމޯޓަމް ހެދުމުގެ ބަދަލުގައި ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު ނައީމާގެ ހަށިގަނޑު މަނަދޫގައި ވަޅުލީ މިދިޔަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހު އެވެ.