ނ. މަނަދޫގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގެ، ނައީމާ މޫސާގެ މަރުގެ ތުހުމަތުގައި ރޭގެ ވަގުތެއްގައި ހައްޔަރުކުރި މީހާގެ މީހާގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.
ފުލުހުން ބުނީ ނައީމާގެ މަރުގެ މައްސަލައިގައި ރޭގެ ވަގުތެއްގައި މާލެ އިން ހައްޔަރުކުރީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާލެ އިން ހައްޔަރުކުރީ ނައީމާ މަރާލި ކަމުގެ ތުހުމަތުގައި އެންމެ ފުރަތަމަ ހައްޔަރުކުރި ދެ މީހުން ދުއްވި ކާރުގެ ވެރިޔާ އެވެ.
މާލެއިން ހައްޔަރުކުރި މީހާގެ ބަންދަށް މިއަދު މުއްދަތު ޖެހީ ކްރިމިނަލް ކޯޓުންނެވެ.
ނައީމާގެ މަރުގެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މިމަހުގެ 26 ވަނަ ދުވަހުވެސް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް ނައީމާގެ މަރާ ގުޅިގެން ފުލުހުންގެ ބަންދުގައި މިހާރު ތިބި ތިން މީހުންގެ ތެރެއިން އެއްްވެސް މީހެއްގެ ވަނަވަރު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ހައްޔަރުކޮށްފައިވާ މީހުންނަކީ ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށާއި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ނައީމާ މަރާލި ކަމަށް މިހާރު އެއްބަސްވެފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
ނައީމާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު ނައީމާ ޑިއުޓީއަށް ނުގޮސްގެން އަދި އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އެ ދުވަހު ހަވީރު އެ ގެއަށް ގޮސް ނައީމާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލިއިރު އެވެ. ފުލުހުން ގެއަށް ވަންއިރު ނައީމާ އޮތީ ޒަހަމްތަކަކާ އެކު ތަޅުންގަނޑު މަތީގައި މަރުވެފަ އެވެ. އަދި ހަށިގަނޑުގައި ގިނަ އަދަދަކަށް ޒަހަމު ހުރި ކަމަށް އެނގިފައިވެ އެވެ.
ޕޯސްޓްމޯޓަމް ހެދުމުގެ ބަދަލުގައި ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު ނައީމާގެ ހަށިގަނޑު މަނަދޫގައި ވަޅުލީ މިދިޔަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހު އެވެ.