ހަބަރު

ރޭސިންއަކީ ޒުވާނުން ކުށާ ދުރުކޮށްދޭ ކުޅިވަރެއް: އަދީބު

Jan 24, 2015

ރާއްޖޭގައި ރޭސިން ދިރުވަންޖެހޭ ކަމަށާއި އެއީ ދިވެހި ޒުވާނުން މަސްތުވާތަކެއްޗާއި އެހެނިހެން ވެސް ކުށްތަކާ ދުރުކޮށްދޭނެ ކުޅިވަރެއް ކަމަށް ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި މިއަދު ފެށި ނެޝަނަލް މޮޓޯ ރޭސިން ޕްރެސިޑެންޓްސް ޗެލެންޖް ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން އަދީބު ވިދާޅުވީ، ރޭސިންއަކީ ވަރަށް ބޮޑަށް ސަމާލުކަން ބޭނުންވާ ކުޅިވަރެއް ކަމަށާއި، ހަމަ ހޭގައި ހުރެގެން ނޫން ގޮތަކަށް އެ ކުޅިވަރު ނުކުޅެވޭނެ ކަމަށެވެ. އަދި އެ ކުޅިވަރުގައި އުޅޭ ޒުވާނުންނަކީ އަހުލާގު ރަނގަޅު ބަޔަކަށް ވާން ޖެހޭ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

"މަސްތުވާތަކެއްޗާއި ކުށްތަކުން ޒުވާނުން އެބަ ދުރުކޮށްދޭ މިފަދަ ކުޅިވަރުތަކުގެ ސަބަބުން. ހާއްސަކޮށް މި ކުޅިވަރަކީ، ރޭސިންނަކީ އަހުލާގު ރަނގަޅު ޒުވާނުންނަށް ކުރެވޭނެ ކަމެއް. ހަމަ ހޭގައި ހުރެގެން ނޫނީ މި ކުޅިވަރު ނުކުޅެވޭނެ،" އަދީބު ވިދާޅުވި އެވެ.

ރޭސިން ރާއްޖޭގައި ކުރިއެރުވުމަށް ރައީސް އަހައްމިއްޔަތުކަން ދެއްވާކަން ފާހަގަ ކުރައްވަމުން އަދީބު ވިދާޅުވީ ރޭސިން ރާއްޖޭގައި ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައި ހުރި ކަމަށެވެ. އެގޮތުން ރޭސް ޖެހޭނެ ފަދަ ފެންވަރު ރަނގަޅު ޓްރެކެއް ގާއިމް ކުރުމާއި ރޭސް ޖެހުމަށް ބޭނުންވާ ވެހިކަލްތައް އެތެރެ ކުރަން ހުރި ހުރަސްތައް ނައްތާލަން ޖެހޭ ކަމަށް އަދީބު ވިދާޅުވި އެވެ. އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ރޭސިން ޓްރެކެއް ގާއިމް ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރޭސިން ޓްރެކެއްގެ ސަބަބުން ރާއްޖޭގައި ބައިނަލް އަގުވާމީ ރޭސިން މުބާރާތައް ވެސް ބޭއްވި ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އޭގެ ސަބަބުން ރާއްޖެ ބޭރު ދުނިޔޭގައި ވެސް މަޝްހޫރު ވެގެން ދާނެ އެވެ.

"ދެވަނަ ފިޔަވަހީގައި ރޭސިން ޓްރެކެއް ނެތް. އެކަމަކު އަޅުގަނޑުމެން މަޝްވަރާ ކުރަމުން މި އަންނަނީ މިފަދަ ޓްރެކެއް ހެދުމަށް. މިއީ ކާމިޔާބު ކަމާ އެކު ކުރެވިދާނެ ކަމެއް. މި ކުޅިވަރަށް މި ސަރުކާރުން އަދި ރައީސް ހާއްސަ ސަމާލުކަމެއް ދެއްވާ،" އަދީބު ވިދާޅުވި އެވެ. 

މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ރޭސިން އެސޯސިއޭޝަނުން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވީ ގިނަ ގޮންޖެހުންތަކެއްގެ ތެރެއިން ވެސް ދުނިޔޭގެ ފެންވަރުގެ އެވޯޑްތައް ވެސް ރޭސިން އެސޯސިއޭޝަނުން ހޯދާފައިވާ ކަމަށެވެ. އަދި އެ ކުޅިވަރު ދިރުވުމަށް އެ އެސޯސިއޭޝަންގެ މަސައްކަތް ފާހަގަ ކޮށްލެވޭ ކަމަށް ވެސް ވިދާޅުވި އެވެ.