ދައުލަތުގެ މީޑިއާ -- ޕީއެސްއެމްގެ ޗެއާޕާސަންގެ މަގާމަށް ލޯކަލް ގަވަރުމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިމިނަތު ނަމްޒާ އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހީމް ނަސްރީން މިއަދު އައްޔަންކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ ޕީއެސްއެމްގެ ބޯޑަށް ނަމްޒާ އާއި ނަސްރީން އައްޔަންކޮށްފައިވާ ކަމަށް ބުނެފަ އެވެ.
ނަމްޒާ އަކީ ޓީވީއެމްގައި ޕާޓް ޓައިމް ޕްރެޒެންޓަރެއްގެ ގޮތުގައި ހާއްސަ ޕްރޮގްރާމުތައް ހުށަހަޅުއްވާތާ އެތައް އަހަރެއްވީ މަޝްހޫރު ޕްރެޒެންޓަރެކެވެ.
މީގެ 14 އަހަރު ކުރިން ޕީއެސްއެމްއާ ގުޅިވަޑައިގެންފައިވާ ނަސްރީން އަކީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރުކަމާއި އީ-ކޮމާސްގެ ޑިރެކްޓަރުކަންވެސް ކުރައްވާފަ އެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ނަސްރީން މިއަދު އައްޔަންކުރި އިރު އޭނާ ހުންނެވީ އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރުގެ މަގާމުގައެވެ.
ނަސްރީން އަކީ މެލޭޝިއާގައި ބިޒްނަސް އިން ޕީއެޗްޑީ ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.
ޕީއެސްއެމްގެ ޗެއާޕާސަންގެ މަގާމަށް ނަމްޒާ މިއަދު އައްޔަންކުރެއްވިއިރު މިއީ މިސަރުކާރުގައި ޕީއެސްއެމްގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވި ފުރަތަމަ ފަހަރެވެ. އަދި ނަސްރީން އަކީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިސަރުކާރުގައި އައްޔަންކުރެއްވި ތިންވަނަ ބޭފުޅާ އެވެ.