ރައްޔިތުންގެ މަޖިލިސް

އޭޖީ ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

May 11, 2023
1

ބަންޑާރަނައިބް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ރިފްއަތުގެ މައްްސަލަ މަޖިލީހަށް ހުށަހެޅުއްވީ ޕީޕީއެމް، އެމްއެންޕީ، ޖޭޕީ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ އެމްޑީޕީގެ މެންބަރުންގެ ސޮޔާ އެކު އެވެ. ޖޭޕީން ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ހިމެނިވަޑައިގެންނެވި ނަމަވެސް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް، އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއި ކުރެއްވި ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއި ކުރެއްވި މެންބަރުންގެ އަދަދެއް މިކަމުގައި އުޅުއްވާ އިދިކޮޅު މެންބަރުން ހާމައެއް ނުކުރައްވަ އެވެ. ނަމަވެސް ވިދާޅުވީ މަޖިލީހުގެ ގަވައިދުގައި ބުނާ އަދަދަށް ވުރެ އިތުރު މެންބަރުން ސޮއި ކުރެއްވި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅޭނީ މަދުވެގެން 10 މެންބަރުންގެ ސޮޔާ އެކު އެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން އެ މައްސަލައެއް ފާސްވުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ސަލީމް ވިދާޅުވީ މިއަދު ރިފްއަތުގެ މައްސަލަ އެކަނި ހުށަހެޅި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ބޭފުޅުން މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަގާމުން ވަކިކުރެއްވުމަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

ސަލީމު ވިދާޅުވި ގޮތުގައި ސަރުކާރުގެ އިސްވެރިންތަކެއް މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅަން ޖެހުނީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލުތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ ބައެއް ދިވެހި ސަރުކާރުން މޮރިޝަސްއަށް ވިއްކާލުމާ ގުޅިގެންނެވެ.

"ގައުމުގައި އަޅުގަނޑުމެންނަށް ހުންނާނެ ދޫކޮށްލަން އުނދަގޫ ކަންތައްތަކެއް. ކުރަން ނުވާ ކަންތައްތަކެއް. އެއީ ކޮންމެ ވެރިކަމެއް އަޔަސް ކޮންމެ ޕާޓީއެއް ވެރިކަމުގައި ތިއްބަސް އަޅުގަނޑުމެން ވިސްނަންޖެހޭނެ ގައުމުގައި ކުރެވޭނެ ކަންތައްތަކާއި ނުކުރެވޭނެ ކަންތައްތަކަށް. މިއީ އަޅުގަނޑުމެން އެންމެންވެސް ދެނެގަންނަން ޖެހޭނެ ކަމެއް،" ރާއްޖޭގެ ކަނޑުގެ މައްސަލައިގައި ދިވެހި ސަރުކާރުން ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަން ފާހަގަކުރައްވާ ސަލީމު ވިދާޅުވި އެވެ.


ދިވެހި ރައްޔިތުން ބަޔަކާ ގައުމު ހިންގަން ހަވާލުކުރަނީ އިޚްލާސްތެރިކަމާ އެކު އެކަން ކުރުމަށް ކަމަށް ފާހަގަކުރައްވާ ސަލީމު ވިދާޅުވީ ވެރިކަމުގައި ތިއްބަވާ ބޭފުޅުން އަމިއްލަ އެދުމަށް ކަންކަން ކުރައްވައިގެން ނުވާނެ ކަމަށެވެ. ވަކިން ހާއްސަކޮށް އިސްލާމް ދީނާއި ދިވެހި ގައުމުގެ ބިމަށް ހިޔާނާތްތެރިވެގެން ނުވާނެ ކަމުގައި ވިދާޅުވި އެވެ.

ސަލީމު ވިދާޅުވީ ރާއްޖޭގައި ހުރި މައްސަލަތަކުގެ ތެރެއިން އިމާ ގުޅޭ މައްްސަލަތައް ގިނަ ކަމުން އިމާ ދޭތެރޭ ދިވެހި ރައްޔިތުން ވިސްނާ މިންވަރު ހާމަވާ ކަމަށެވެ.

"އެހެންވީމާ އެއްގޮތަކަށްވެސް ސަރުކާރުން ހީކޮށްގެން ނުވާނެ މި ފޯޅަވަހީގެ މައްސަލައިގައި ރައްޔިތުންނަށް މީތި ނޭނގެނީއޭ. ރައްޔިތުންނަށް މިއަށް ވުރެ ބޮޑަށް އެނގޭ ކަމެއް ނޯންނާނެ،" ސަލީމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު ރާއްޖެއިން ފެންނަނީ ވެރިކަމުގައި ތިއްބެވި ބޭފުޅުން ހިތަށް އެރި ގޮތަކަށް ހިތަށް އެރި ކަމެއް ކުރާ މަންޒަރު ކަމަށެވެ. އެގޮތަށް އަމަލުކުރެއްވުމުގައި ބިރުވެތިވާން ޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ. އެހެންކަމުން ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ބޭނުންވާ އަދަދަށް ވޯޓު ހޯއްދަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ކަނޑުގެ ބައި އަނބުރާ ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. އަޅުގަނޑުމެން އެއްވެސް ދުލެއް ނުދޭނަން. އަޅުގަނޑުމެންގެ ފުރާނަ ދަންދެން އަޅުގަނޑުމެން މިމަސައްކަތް ކުރާނަން. މިއަކީ ކުޅޭކުޅޭ ކަމެއް ނޫން. އަޅުގަނޑުމެން ބިރެއް ނުގަނޭ އަޅުގަނޑުމެންނާ ދޭތެރޭ ކޮންމެ ފިޔަވަޅެއް އެޅިޔަސް،" ސަލީމު ވިދާޅުވި އެވެ.