ފިނިޕޭޖް

ހޮލީވުޑްގެ ލިޔުންތެރިން އިހްތިޖާޖުކުރަނީ

ހޮލީވުޑްގެ ލިޔުންތެރިން އިހްތިޖާޖު ކުރުމުގެ ހަރަކާތެއް ފަށައިފި އެވެ. މި އިހްތިޖާޖު ފެށީ މިމަހުގެ ދެވަނަ ދުވަހު އެވެ.

ރައިޓާސް ގިލްޑް އޮފް އެމެރިކާ (ޑަބްލިއުޖީއޭ) އަކީ 11،500 އަށް ވުރެ ގިނަ ލިޔުންތެރިން ހިމެނޭ ޔޫނިއަން އެކެވެ. އަދި ކުރިމަތިވެގެން އުޅޭ މައިގަނޑު މައްސަލައަކީ އެލާޔަންސް އޮފް މޯޝަން ޕިކްޗާސް އެންޑް ޓެލެވިޝަން ޕްރޮޑިއުސާސް (އޭއެމްޕީޓީޕީ) އިން ލިޔުންތެރިންގެ ކޮންޓްރެކްޓްތައް އާކުރަން ހުށަހެޅިއިރު، ސްޓްރީމިން ސާވިސްތަކުން ދޭ ރެސިޑުއަލް އިނާޔަތްތައް ކުޑަކުރުމާއި ކޮންޓްރެކްޓްގެ މުއްދަތާއި ޕްރޮޖެކްޓަކަށް މަދުވެގެން ތިބެންޖެހޭ ސްޓާފުންގެ އަދަދަށް ބަދަލު ގެނައުމެވެ.

މިނިމަމް ބޭސިކް އެގްރީމަންޓް (އެމްބީއާ) ގައި ބްރޯޑްކާސްޓް ޓެލެވިޝަން ޝޯ / ޕްރޮގްރާމްތަކުގެ ލިޔުންތެރިންނާއި ފިލްމްތަކުގެ ލިޔުންތެރިން ހިމެނެ އެވެ.

މީގެ އެއް މިސާލަކީ ސީބީއެސްގެ "ދަ ލޭޓް ޝޯ ވިތް ސްޓީވަން ކޮލްބެއާ"ގެ ޝޯގެ ލިޔުންތެރިންނަށް އެމްބީއޭގެ ދަށުން މުސާރައާއި އިނާޔަތްތައް ލިބިފައިވާއިރު، އެޕަލް+ގެ "ދަ ޕްރޮބްލަމް ވިތް ޖޮން ސްޓުވާޓް"ގެ ލިޔުންތެރިން ޖެހުނީ ވަކިން ކޮންޓްރެކްޓް ނެގޯޝިއޭޓް ކުރާށެވެ. އަދި އެ މުސާރައާއި އިނާޔަތްތައް ނުލިބުނެ އެވެ. އެހެންކަމުން އެއް މަސައްކަތެއް ކުރާއިރު މުސާރައާއި އިނާޔަތްތައް ތަފާތުވެ އެވެ. މިއީ އިންސާފެއް ކަމަށް ގިނަ ލިޔުންތެރިން ނުދެކެ އެވެ.

އޭއެމްޕީޓީޕީން ހުށަހެޅި އާ އެއްބަސްވުމުގެ ދަށުން ލިޔުންތެރިންނަށް އަހަރަކު 86 މިލިއަން ޑޮލަރު ލިބޭނެ އެވެ. އެހެން ނަމަވެސް ޑަބްލިއުޖީއޭ އިން ހުށަހެޅި ޝަރުތުތަކުގެ ދަށުން މުވައްޒަފުން އިތުރުކުރުމާއި އެއްބަސްވުމުގައި މުއްދަތު ޖެހުމާއި އެއް މަސައްކަތެއް ކުރާ މީހުންނަށް އެއް މުސާރައާއި އިނާޔަތްތަކާއި ޕެންޝަން އަދި ސިއްހީ ފަރުވާއަށް ފައިސާ ލިބުން ފަދަ ކަންކަމާއެކު 429 މިލިއަން ޑޮލަރަށް އަދަދު އިތުރުވެ އެވެ. އެހެންވެ މިކަން ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ.

މިއީ 2007ގެ ފަހުން އޮތް އެންމެ ބޮޑު ހަޅުތާލެވެ. މި ހަޅުތާލާ ގުޅިގެން ގިނަ ޝޯތަކާއި ޕްރޮގްރާމްތައް ހުއްޓިފައިވާއިރު، ގިނަ ސެލެބްރިޓީން ދަނީ ލިޔުންތެރިންނަށް ހިތްވަރުދެމުންނެވެ.