ކްރިމިނަލް ކޯޓް

ޒިހާންއާ ދެކޮޅަށް ދެ މީހަކު ހެކިބަސް ދީފި

May 14, 2023

އަނިޔާވެރި ގޮތަކަށް އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު މަރާލި މައްސަލައިގައި ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާން (27 އ)ގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލަ ސާބިތުކުރަން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން ދެ މީހަކު މިއަދު ހެކިބަސް ދީފި އެވެ.

މި މައްސަލައިގައި ޒިހާންގެ އިތުރުން ދައުލަތުން ދައުވާކުރަނީ 17 އަހަރުގެ ކުއްޖަކަށެވެ. މިކުއްޖާގެ މައްޗަށް އުފުލާފައިވާ ތިން ދައުވާ އަކީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި، ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާ އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތެއްގައި ހިފުމުގެ ކުށުގެ ދައުވާ އެވެ.

ޒިހާންގެ މައްޗަށް ދައުލަތުން ވަނީ 13 ދައުވާކޮށް ޝަފަހީ ހެކީގެ ގޮތުގައި 79 ހެކި ހުށަހަޅާފަ އެވެ. ދައުވާތައް ސާބިތުވެއްޖެނަމަ ގާތްގަނޑަކަށް 100 އަހަރުގެ ޖަލު ހުކުމެއް ޒިހާނަށް އަންނާނެ އެވެ.

ޒިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތައް

  • ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ
  • ގްރޫމްކުރި ކަމުގެ ކުށުގެ ދައުވާ
  • ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ކުށުގެ ފަސް ދައުވާ
  • މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ
  • ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާ
  • ޖިނާއީ ކުށެއްގައި ކުޑަކުއްޖަކު ބޭނުންކުރި ކުށުގެ ދައުވާ
  • މަސްތުވާތަކެތި ދީގެން ޖިންސީ އަމަލު ހިންގަން އުޅުނު ކަމުގެ ކުށުގެ ދައުވާ
  • ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އިތުރު ދައުވާތަކެއް ވެސް ހިމެނޭ

ކްރިމިނަލް ކޯޓުގައި ސިއްރު ކޮށްގެން ކުރިއަށް ގެންދިޔަ ޝަރީއަތުގައި މިއަދު އޮތީ ވަނަވަރު ސިއްރުކޮށްފައިވާ 16 ހެކިންގެ ތެރޭގައި ހިމެނޭ ދެ މީހެއްގެ ހެކިބަސް ނެގުމެވެ.

ޝަރީއަތް ނިމެންދެން ޒިހާން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މީގެކުރިން ނެރެފައިވާ އަމުރު ދެމެހެއްޓުމަށްވެސް ޝަރީއަތުގެ މަޖިލީހުގައި މިއަދު ވަނީ ނިންމާފަ އެވެ.

އުމުރުން 13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލުމަށްފަހު ފޮށިގަނޑަަކަށްލައި ހުޅުމާލޭގެ ދެވަނަ ފިޔަވައްސާ ދިމާލު މޫދަށް އެއްލާލާފައި އޮއްވާ ފެނުނީ ޖޫން 22، 2021 ވަނަ ދުވަހުގެ މެންދަމު ވަގުތެއްގަ އެވެ.

ކުއްޖާގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރާ ދެ މީހުންނަކީ ވެސް ކުއްޖާގެ ރަހްމަތްތެރިން ކަމަށްވެ އެވެ.