ހައްޖުގެ އަޅުކަން

ހައްޖުވެރިންނާ ގުޅޭ އިންތިޒާމުތަކަށް ހާއްސަ ކޮމިޓީއެއް

ހައްޖާޖީންގެ އިންތިޒާމްތައް އެންމެ ފުރިހަމައަށް ކުރުމަށްޓަކައި ކަމާގުޅޭ މުއައްސަސާތަކުގެ ބޭފުޅުންނާއެކު ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި އެވެ.

ނައިބް ރައީސް ފައިސަލް ނަސީމުގެ ބެއްލެވުމުގެ ދަށުން މި ކޮމިޓީ އެކުލަވާލަވަނީ ހައްޖާޖީންގެ ކަންކަން ވީހާވެސް ގާތުން ބަލައި އެންމެހައި އިންތިޒާމްތައް ވީހާވެސް ފުރިހަމައަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަންގަވާފައިވާތީ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ނައިބް ރައީސް ފައިސަލް ނަސީމު އިއްޔެ ވަނީ ހައްޖުވެރިންނާ ގުޅޭ ކަންކަން އިންތިޒާމުކުރުމުގައި ޝާމިލުވާ އިދާރާތަކުގެ އިސްވެރިންނާ ރައީސް އޮފީހުގައި ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވަނީ 2019 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ހައްޖުވެރިންގެ އިންތިޒާމްތައް ކަމާބެހޭ ހުރިހާ މުއައްސަސާއަކުން ގުޅިގެން ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ފުރިހަމަށްއަށްކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އެ ޝުކުރުވެސް އަދާކުރައްވާފަ އެވެ. އެހެންކަމުން މި އަހަރުވެސް ހައްޖާޖީންގެ އިންތިޒާމްތައް އެންމެ ފުރިހަމައަށް ކުރުމަށްޓަކައި ކަމާގުޅޭ މުއައްސަސާތަކުގެ ބޭފުޅުންނާއެކު ކޮމިޓީއެއް އެކުލަވާލައި އެ މަސައްކަތްތައް ވީހާވެސް ފުރިހަމައަށް ގެންދިއުމަށް މަސައްކަތް ކުރެއްވުމަށް ނައިބް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

ނައިބް ރައީސް ވިދާޅުވި ގޮތުގައި ހައްޖާޖީން ފުރުމަށް އެއާޕޯޓަށް ގެންދިއުމުގެ އެންމެހާ އިންތިޒާމްތައް މި ފަހަރުވެސް ސަރުކާރަށްވީ އެންމެ ރަނގަޅަށް ކޮށްދެއްވާނެ އެވެ.

މި އަހަރު މިހާތަނަށް ރާއްޖެއިން ހައްޖަށް ދިއުމަށް ކޯޓާ ލިބިފައިވަނީ 1000 މީހުންނަށެވެ. އަދި ހައްޖާޖީން އެއާޕޯޓަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއިންނެވެ. މިގޮތުން ބަސްތަކާއި ފެރީ އަލި ލޯންޗް މެދުވެރިކޮށް ހައްޖާޖީން އެއާޕޯޓަށް ގެންދިއުމުގެ އިންތިޒާމްތައް މިހާރު ދަނީ ކުރަމުންނެވެ.