މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

އިގުތިސާދީ ބޭނުންތަކަށް ބިޑަކާ ނުލައި ފަޅުރަށްރަށް 21 އަހަރަށް ކުއްޔަށް ދެވޭ ގަވާއިދެއް

އިގުތިސާދީ ބޭނުންތަކަށް ބިޑަކާ ނުލައި ފަޅުރަށްރަށް 21 އަހަރަށް ކުއްޔަށް ދެވޭ ގަވާއިދެއް އެކުލަވާލައި އަމަލުކުރަން ފަށައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އެކުލަވާލި "އިގުތިސާދީ ބޭނުންތަކަށް ތަރައްގީކުރުމަށް ފަޅުރަށްރަށް ކުއްޔަށް ދިނުމާބެހޭ ގަވާއިދު"ގައިވާ ގޮތުން ފަޅު ރަށެއްގައި އިގްތިސާދީ މަސައްކަތެއް ހިންގުމަށް އެ ރަށަކީ އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅާނީ އިކޮނޮމިކް ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

މީގެ ތެރޭގައި ފަތުރުވެރިކަމުގެ ގާނޫނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ފަޅު ރަށްރަށާއި ހަމައެކަނި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިގުތިސާދީ ބޭނުމަށް ކުއްޔަށް ދޫކުރެވޭ ފަޅު ރަށްރަށާއި ފަޅުރަށްރަށާބެހޭ ގާނޫނުގެ ދަށުން ވަރުވާއަށް ލިޔެދޭ ފަޅު ރަށްރަށް ނުހިމެނެ އެވެ.

ގަވާއިދުގައިވާ ގޮތުން އަންސޮލިސިޓަޑް ޕްރޮޕޯޒަލް ޕޮލިސީގެ ދަށުން ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ ތަފުސީލު ޕްރޮޕޯޒަލް ހުށަހެޅުމުން އެ ޕޮލިސީގެ ދަށުން ހުއްދަދެވޭ ހުށަހެޅުމެއް ހުށަހެޅި ބަޔަކަށް ފަޅުރަށް ކުއްޔަށް ދޫކުރެވިދާނެ އެވެ.

މީގެ އިތުރުން ގަވާއިދުގެ ދަށުން ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާނު ކޮށްގެން އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅި ބަޔަކަށްވެސް ފަޅުރަށް ކުއްޔަށް ދޫކުރެވޭނެ އެވެ.

އިގުތިސާދީ ބޭނުންތަކަށް ތަރައްގީކުރުމަށް ކަނޑައަޅާ ފަޅުރަށްރަށް ކުއްޔަށް ދެވޭނީ 21 އަހަރަށް ކަމަށް ގަވާއިދުގައިވެ އެވެ.

ކުއްޔަށް ދިން މުއްދަތު އިތުރުކުރަން ހުށަހެޅިދާނެ ކަމަށް ގަވާއިދުގައިވެ އެވެ. އެގޮތުން މުއްދަތު ހަމަވުމުގެ އެއް އަހަރު ކުރިން ހުށަހެޅުމުން، ކުއްޔަށް ދޫކުރެވިފައިވާ މުއްދަތު ޖުމްލަ 50 އަހަރަށްވުރެ އިތުރުނުވާ ގޮތަށް އިތުރުކުރުމުގެ އިހުތިޔާރު އިކޮނޮމިކް މިނިސްޓްރީއަށް ލިބެ އެވެ.