ހުޅުމާލޭގައި މަސައްކަތުގެ ބޮޑު ބައި ނިންމާފައިވާ ކޭ ޕާކް އެޕާޓްމަންޓްގެ މަސައްކަތްތައް ނިންމައި މިއަހަރުގެ ފަހު ކުއާޓަރުގައި ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ފްލެޓްތައް އިމާރާތް ކުރާ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބުނެފި އެވެ.
ހަަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ނެރުނު ބަޔާނެއްގައި ބުނީ ފްލެޓްތަކުގެ މަސައްކަތް މިއަހަރު ނިންމުމަށް ކޯޓާ އިތުރުކޮށް މަސައްކަތަށް މީހުން ގެންނަން ނިންމާފައިވާ ކަމަށާއި އެކަމާ ގުޅިގެން ދައުލަތުގެ އިދާރާތަކުން ކުރަންޖެހޭ ކަންކަން މިހާރު ކުރަމުންދާ ކަމަށެވެ.
ކޭ ޕާކް އެޕާޓްމަންޓްތައް ވިއްކުމުގައި އެ އެޕާޓްމަންޓްތަކުގެ މަޝްރޫއު ކުރިއަށް ގެންދާ ކޮރެއާގެ ހަންބޯ ޓެކް ކުންފުނީގެ ރާއްޖޭގެ އެޖެންޓް -- ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) އޮޅުވާލާފައިވާ ކަމަށް ބުނާ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެގޮތުން މަކަރާއި ހީލަތުން ވަރަށް ގިނަ ބަޔަކަށް ފްލެޓް ވިއްކާ އެ މީހުން އަތުން މަންޑޭ ފައިސާ ނަގާފައިވާ ކަމަށާއި ފޯޖްލިޔުންތަކެއް ހަދާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
ހަންބޯ ކުންފުނީގެ ބަޔާނުގައި ބުނީ ސޮއި ފޯޖުކޮށްގެން ހިންގި މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކުންފުނިން މިމަހުގެ 16 ވަނަ ދުވަހު ބޭއްވި ބޯޑު ބައްދަލުވުމަށް މަމްދޫހުގެ ފަރާތުން ގޮންޖެހުންތައް ކުރިމަތިވިކަން ފާހަގަކޮށް އެ ކުންފުނިން ބުނީ އެ ހުރަސްތައް މިހާރު ނައްތާލާފައިވާ ކަމަށެވެ. އެގޮތުން ކުންފުނީގެ ހިއްސާއަށް ބަދަލު ގެނެސް އާ ހިއްސާދާރެއް އިތުރުކޮށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުގެނެސްފައިވާ ކަމަށް ހަންބޯ ކުންފުނިން ވަނީ ބުނެފަ އެވެ.
މަމްދޫހުއަށް ކުރާ ތުހުމަތުތަކާއި ގުޅިގެން އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފަ އެވެ.
މީގެ އިތުރުން ކޭ ޕާކް އެޕާޓްމަންޓްތައް އޮޅުވާލައިގެން ވިއްކި މައްސަލައިގައި ބައެއް ތަންތަން ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް އިމާރާތް ކޮށްފައިވާ ކޭ ޕާކް ރެޒިޑެންސް އަކީ 110 އެޕާޓްމަންޓްގެ އިމާރާތެކެވެ. މީގެތެރޭގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ. އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގަ އެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިން އަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުން ތަކަށެވެ. މި ކޮންޑެމީނިއަމްގެ މަސައްކަތް ފެށީ 2017 ވަނަ އަހަރު އެވެ.
އިމާރާތުގެ މަސައްކަތް ނިންމަން ބުނި އެއްވެސް ތާރީހަކަށްވެސް މަސައްކަތް ނިންމާލެވިފައި ނުވާތީ މި ތަނުން ފްލެޓް ގަނެފައިވާ މީހުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.