ކޭ ޕާކް ރެސިޑެންސް

ކޭ ޕާކް މައްސަލަ: ބޭންކްގެ ބައެއް ލިޔުންތައް ދޭން އަމުރުކޮށްފި

Jun 24, 2023
1

ހުޅުމާލޭގައި މަސައްކަތުގެ ބޮޑު ބައި ނިންމާފައިވާ ކޭ ޕާކް އެޕާޓްމަންޓްތަކުގެ މަޝްރޫއު ކުރިއަށް ގެންދާ ކޮރެއާގެ ހަންބޯ ޓެކް ކުންފުނީގެ ރާއްޖޭގެ އެޖެންޓް -- ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެކައުންޓް ހުޅުވުމަށް ހުށަހެޅި ބައެއް ލިޔުންތައް ހަންބޯ ކުންފުންޏަށް ދޭން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

ލިޔުންތައް ހޯދުމުގެ ކޯޓު އަމުރަކަށް އެދި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ހުށަހެޅީ މިމަހުގެ 12 ވަނަ ދުވަހު އެވެ. މި މައްސަލަ ސިވިލް ކޯޓުން ނިންމީ ބުރާސްފަތި ދުވަހު އެވެ.

ސިވިލް ކޯޓުން ވަނީ އެކައުންޓްތައް ހުޅުވުމަށް ބީއެމްއެލްއަށް ހަންބޯ ކުންފުނީގެ ނަމުގައި ނުވަތަ ހިއްސާދާރުންގެ ނަމުގައި ހުށަހަޅާފައިވާ ފޯމުތަކާއި އެކަމާގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ ދޭން އަމުރުކޮށްފަ އެވެ.

މީގެ އިތުރުން އެކައުންޓްތައް ހުޅުވުމަށްޓަކައި ބީއެމްއެލް އިން ފައިސާ ނެގުމަށާއި އިންޓަނެޓް ބޭންކިން ހިދުމަތަށް އަދި އެނޫންވެސް ހިދުމަތަކަށް އެދިފައިވާނަމަ ނުވަތަ އެ ހިދުމަތެއް ދީފައިވާނަމަ އެކަމާ ގުޅުންހުރި ލިޔެކިޔުންތަކުގެ ކޮޕީ ދޭން އަމުރުކޮށްފައިވެ އެވެ. މި ލިޔެކިޔުންތައް މާދަމާގެ ކުރިން ދޭން ވަނީ އަމުރުކޮށްފަ އެވެ.

ސިވިލް ކޯޓުގެ އަމުރުގައި ވަނީ އެ އެކައުންޓްތައް ހުޅުވި ދުވަހުން ފެށިގެން އަމުރު ނެރޭ ދުވަހާ ހަމައަށް ހުރި މުއްދަތުގެ ބޭންކް ސްޓޭޓްމަންޓްތަކުގެ ކޮޕީތައް ދޭންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅާފަ އެވެ. އަދި އެކައުންޓްތައް ބޭނުންކުރެވޭ ގޮތް ހެދުމަށް ބީއެމްއެލްގެ މައްޗަށް އަމުރު ނެރެންޖެހޭނެ ތަނެއް ނެތް ކަމަށްވެސް ވަނީ ކަނޑައަޅާފަ އެވެ.

ކޭ ޕާކް އެޕާޓްމަންޓްތައް ވިއްކުމުގައި އެ އެޕާޓްމަންޓްތަކުގެ މަޝްރޫއު ކުރިއަށް ގެންދާ ކޮރެއާގެ ހަންބޯ ޓެކް ކުންފުނީގެ ރާއްޖޭގެ އެޖެންޓް -- ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) އޮޅުވާލާފައިވާ ކަމަށް ބުނާ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެގޮތުން މަކަރާއި ހީލަތުން ވަރަށް ގިނަ ބަޔަކަށް ފްލެޓް ވިއްކާ އެ މީހުން އަތުން މަންޑޭ ފައިސާ ނަގާފައިވާ ކަމަށާއި ފޯޖްލިޔުންތަކެއް ހަދާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.