ރާއްޖެއިން ބޭރުގައި ތެޔޮ ރައްކާކުރުމަށް ސްޓޯރޭޖެއް ހެދުމަށް ވިސްނަމުންދާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި މިދިޔަ ބުދަ ދުވަހު އޮތް އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ އެ ކުންފުނިން ތެޔޮ ރައްކާކުރާނެ ތަނެއް ހަދަން ވިސްނާފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ކަމަށެވެ.
"އެސްޓީއޯ ސިންގަޕޯ އަދި އެމްއެންއޯސީ ގުޅިގެން އޮޕަރޭޝަން ފަށައިގަތުމަށްފަހު ތެލުގެ ވިޔަފާރި ފުޅާކުރުމަކީ ކުރިންވެސް ނިންމާފައި އޮތް ކަމެއް. ތެލުގެ ވިޔަފާރި ރާއްޖެއިން ބޭރުގައި ކުރުމަށްވެސް ވިސްނާފައިވޭ،" ސައީދު ވިދާޅުވި އެވެ.
އެސްޓީއޯއިން އާ ވިޔަފާރިތަކަށް ވަދެ އާމްދަނީ ހޯދުމަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ އެ ކުންފުނިން އިހަވަންދިއްޕޮޅުގައި ފަށަން މަސައްކަތް ކުރައްވާ ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތް ފެށުމުގެ ހުއްދަ ވެސް މިހާރު ލިބިފައިވާ ކަމަށެވެ. އަދި ހިދުމަތް ފެށުމަށްޓަކައި ބޭރުގެ ކޮންސަލްޓަންޓަކާއި ގުޅިގެން މި މަސައްކަތްތަކެއް ހިނގަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
"އިންޓަނޭޝަނަލް ބަންކަރިންގެ ރެގިއުލޭޓަރީ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައި،" ސައީދު ވިދާޅުވި އެވެ.
އެސްޓީއޯއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 18 ބިލިއަން ރުފިޔާ ލިބުނުއިރު ސާފު ފައިދާގެ ގޮތުގައި 742 މިލިއަން ރުފިޔާ ލިބުނެވެ.
އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 77 ރުފިޔާ ބަހަންވެސް އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ.