ސްޓެލްކޯ

މާލެ ސަރަހައްދުގެ އިމަޖެންސީ ބެކަޕް ޕަވަޕްލާންޓްގެ މަސައްކަތް ނިންމާލައިފި

ގްރޭޓާ މާލޭގެ އެމަޖެންސީ ބެކަޕް ޕަވަޕްލާންޓުގެ މަސައްކަތް ނިންމާލައިފި އެވެ.

ހުޅުމާލޭގެ ބާ އިންޖީނުގޭގައި ގާއިމުކޮށްފައިވާ މި ބެކަޕް ޕަވަޕްލާންޓްގެ ކެޕޭސިޓީއަކީ 20.2 މެގަވޮޓް އެވެ.

ސްޓެލްކޯ އިން ބުނީ މިމަސައްކަތަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފްގެ ސީދާ ބެއްލެވުމުގެ ދަށުން އަދި އެ ކުންފުނީގެ އަތޮޅުތެރޭގައި އާއި ގްރޭޓާ މާލޭގެ އިންޖީނުގެތަކުގައި ތިބި އެންމެ ގާބިލް މުވައްޒަފުން ހިމަނައިގެން އެކުލަވާލި ޓީމަކުން ކޮށްފައިވާ ބުރަ އަދި އަވަސް މަސައްކަތެއް ކަމަށެވެ.

މިއީ ސްޓެލްކޯގެ ތާރީހުގައިވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ އިންޖީނުތަކެއް އެއްފަހަރާ ކަމިޝަންކޮށް ނިންމާލެވުނު ފަހަރެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ މި އެމަޖެންސީ ޕަވަޕްލާންޓާ އެކު، ޖަނަރޭޝަން ކެޕޭސިޓީ އިތުރު ކުރެވި، ކެޕޭސިޓީ ނެތިގެން ނުވަތަ އޯވާލޯޑްވެގެން ކަރަންޓު ނުކެނޑޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާއި އެކު، ގްރޭޓާ މާލޭގެ ޕަވަ ސެކިއުރިޓީ އިތުރަށް ކަށަވަރު ކުރެވިގެންދާނެ ކަމަށެވެ.

މާލޭއާއި ހުޅުމާލޭގެ ބޮޑެތި ޖެންސެޓްތައް އޯވާހޯލް ކުރުމަށް ނިއްވާލުމުގެ ފުރުސަތު ލިބި އެ ޖަނަރޭޓަރުތަކުގެ އެފިޝިއެންސީ އިތުރުކުރުމަށްވެސް މި އެމަޖެންސީ ޕަވަޕްލާންޓާ އެކު ފުރުސަތު ލިބިގެންދާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ސްޓެލްކޯ އިން ގްރޭޓާ މާލޭ ސަރަހައްދުގައި ދޭ ކަރަންޓް ބޭނުންކުރާ މިންވަރު އެންމެ މައްޗަށް ދިޔައީ މިއަހަރުގެ އޭޕްރީލް މަހު އެވެ. އެފަހަރު ކަރަންޓް ބޭނުންކުރި ވަރު 102 މެގަވޮޓަށް ވުރެ މައްޗަށް ދިޔަ ކަމަށް ސްޓެލްކޯ އިން ބުނެފައިވެ އެވެ.