ސްޓެލްކޯ

ސްޓެލްކޯ އިން ހައްޖާއި އުމްރާއަށް ފޮނުވާ މުވައްޒަފުން ހޮވައިފި

ސްޓެލްކޯގެ ހަރަދުގައި މިއަހަރު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ހޮވައިފި އެވެ.

ހައްޖު އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތު ލައިގެން ހޮވާފައިވަނީ ރަމަޟާން މަސް އިހްޔާ ކުރުމަށާއި، ސްޓެލްކޯ އިން މުވައްޒަފުންނަށްދޭ ތަރާވީހާއި، އެ ކުންފުނިން ދޭ ހައްޖު އަދި އުމްރާގެ ފުރުސަތަށް ގުރުއަތު ނެގުމަށާއި، ކުންފުންޏަށް ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ މުވައްޒަފް -- ޖެނެރަލް މެނޭޖަރު ހަސަން ހުސައިން ރިޓަޔާ ކުރުމާ ގުޅިގެން ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ސްޓެލްކޯ އިން ބުނީ މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އަންހެން އަދި ފިރިހެން މުވައްޒަފުންނަށް ވަކިން ހުޅުވާލި ފުރުސަތަށް އިޖާބަދީ، ހައްޖުގެ އަޅުކަން އަދާކުރުމަށް އެދި 116 މުވައްޒަފުން ހުށަހެޅި ކަމަށެވެ. އެކަމަކު ޝަރުތު ހަމަވީ 98 މުވައްޒަފުންނެވެ. އަދި އުމްރާގެ އަޅުކަން އަދާކުރުމަށް 263 މުވައްޒަފަކު ހުށަހެޅިއިރު ޝަރުތު ހަމަވީ 254 މުވައްޒަފެކެވެ.

މީގެ ކުރިން ހައްޖު އަދި އުމްރާގެ ފުރުސަތު ސްޓެލްކޯ އިން ދީފައިވަނީ ދެބަޔަށް ވެސް ކޮންމެ އަހަރަކު އަންހެން މުވައްޒަފަކަށާއި، ފިރިހެން މުވައްޒަފަކަށެވެ. ނަމަވެސް އެކަމާ ގުޅުންހުރި ސިޔާސަތަށް ބަދަލުގެނެސް މި އަހަރު ވަނީ ހައްޖުގެ އަޅުކަމަށާއި، އުމްރާގެ އަޅުކަމަށް ދެ ފިރިހެން އަދި އެއް އަންހެން މުވައްޒަފު ހޮވާފަ އެވެ.

ހައްޖަށް ދިއުމަށް ގުރުއަތުން ހޮވުނު މުވައްޒަފުން

  • އަބްދުﷲ އާމިރު – ހުޅުމާލެ އިންޖީނުގެ
  • މުހައްމަދު އާދިލް – ކ. ކާށިދޫ އިންޖީނުގެ
  • އައިޝަތު ޝިޒްނާ – ވިލިނގިލި އަވަށު އިންޖީނުގެ

ހައްޖަށް ދިއުމަށް ގުރުއަތުން ހޮވުނު މުވައްޒަފުން

  • އާޒިމް އާދަމް – އދ. ދަނގެތި އިންޖީނުގެ
  • މުހައްމަދު އާރިފް – ރިނިއުވަބަލް އެނާޖީ ޑިޕާޓްމަންޓް
  • ހަދީޖާ އިފްޝާ – ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓް

އެސްޓީއޯ އިން ދެމުން ގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ އެ ކުންފުންޏަށް 15 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށް ހިދުމަތުގައި ދެމިތިބި މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ފަސް އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ.

މި ހަފްލާގައި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބުދުﷲ ނާޒިރު ވިދާޅުވީ އެ ކުންފުންޏަށް 75 އަހަރު ފުރެންދާއިރު މިދާއިރާގައި އެންމެ ބުރަކޮށް މަސައްކަތް ކުރާ އެންމެ ފުންނާބު އުސް އަދި އެންމެ ގިނަ ދުވަސްވީ ހިދުމަތްތެރީން ތިބީ ސްޓެލްކޯގައި ކަމަށެވެ. މެނޭޖިން ޑިރެކްޓަރު ހުސައިން ފަހްމީގެ އިސްނެންގެވުމުގެ މަތިން ގައުމީ ފެންވަރެއްގައި އެ ބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަން ކުރުމަށްޓަކައި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނެސްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.