އިންޑިއާގެ ބިހާރުގެ ބަގަލްޕޫރުގައި އަޅަމުންދާ ބިޔަ ބްރިޖެއް މިއަދު ވެއްޓިއްޖެ އެވެ.
ވެއްޓުނު މި ބްރިޖަކީ ބަގަލްޕޫރުގެ ސުލްޠާން ގަންޖާއި ކަގާރިއާ ޑިސްޓްރިކްޓާ ދެމެދު އަޅަމުން އަންނަ ހަތަރު ލޭންގެ ބިޔަ ބްރިޖެކެވެ.
މި ބްރިޖް އަޅަން ފެށިފަހުން ބްރިޖްގެ ބައިތައް ވެއްޓުނު މިއީ ދެވަނަ ފަހަރެވެ.
ތާސްބައެއްގެ ކާޑްތަކެއް ވެއްޓޭ ބީދައިން، އަޅަމުންދަނިކޮށް ވެއްޓުނު މި ބްރިޖަކީ ގާތްގަނޑަކަށް 200 ބިލިއަން ޑޮލަރުގެ އަގު ބޮޑު ބްރިޖެކެވެ.
ބިހާރް ސްޓޭޓް ސަރުކާރުން ވަނީ މި ހާދިސާގެ ތަހުގީގުތައް ކުރުމަށް ވަގުތުން އަމުރު ނެރެފަ އެވެ.
އަޅަމުން އަންނަ މި ބްރިޖް މިދިޔަ އަހަރު ވެއްޓުނީ ގަދަ ވަޔާއި ވިއްސާރައިގެ ސަބަބުންނެވެ. މިބްރިޖް އަޅަން ފަށާފައިވަނީ 2014 ވަނަ އަހަރު އެވެ. މިހާތަނަށް މި ބްރިޖް އެޅުމަށް ނިންމި އަށް ތާރީހެއްވަނީ ފާއިތުވެ މުއްދަތު އަލުން އިތުރުކޮށްފަ އެވެ.
މި ބްރިޖް ވެއްޓުނު ތަން ދުށް ފަރާތްތަކުން ބުނާ ގޮތުގައި އެވަގުތު ސައިޓްގައި މަސައްކަތްތައް ދިޔައީ ހިނގަމުންނެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ހަބަރުފަތުރާފައިވެ އެވެ. އެކަމަކު ސައިޓްގައި މަސައްކަތް ކުރަމުންދިޔަ އެކަކު އަދިވެސް ފެނިފައެއް ނުވެ އެވެ.
މި ބްރިޖަކީ 2019 ގައި ނިންމަން ކަނޑައަޅާފައިވާ މަޝްރޫއެކެވެ. ނަމަވެސް މުޅި މަޝްރޫއުގެ 25 ޕަސެންޓްވެސް ރަނގަޅަށް އެ ތާރީހަށް ނިމިފައެއް ނުވެ އެވެ. އޭގެ ފަހުން މާޗް 2020 ގައި ނިންމަން ކަނޑައަޅައި އެ ތާރީހުވެސް ވަނީ ފަހަނައަޅައިގެން ގޮސްފައިވެ އެވެ. އޭގެ ފަހުން 2022 ގައިވެސް ނިންމުމަށް ކަނޑައެޅި އެ ތާރީހު ޖެހުނުއިރުވެސް މަޝްރޫއު ވަނީ ނިންމާނުލެވި އެވެ.
މިމަސައްކަތް ހަވާލުކުރި ކުންފުނިން ކުރަމުންދިޔަ މަސައްކަތް ލަސްވެފައިވާއިރު އެކަން ތަހުގީގު ނުކޮށް އެތައްފަހަރަކު ސަރުކާރުން ވަނީ މުއްދަތު އިތުރުކޮށްފަ އެވެ.
މި ބްރިޖްގެ ބައެއް މިދިޔަ އަހަރުގެ އެޕްރީލްގެ ތެރޭގައި ވެއްޓިގެން މަސައްކަތުގެ ފެންވަރާމެދު ސީރިއަސް ތުހުމަތުތަކެއް އޭރުވެސް ކުރެވުނެވެ. ނަމަވެސް ބްރިޖް ނިންމަން އިތުރު ތާރީހު ދިނުން ފިޔަވައި ސަރުކަރުން އިތުރު ކަމެއް ނުކުރެ އެވެ. އެކަމަކު މިފަހަރު ޑެޕިއުޓީ ޗީފް މިނިސްޓަރު ބުނެފައިވަނީ އިންޖިނިއަރިންގެ ބޮޑެތި މައްސަލަތައް ފާހަގަވެފައިވާ ކަމަށް އެނގިފައިވާ ކަމަށެވެ. އަދި ކުރީގެ އިންޖިނިއަރިން މަސައްކަތާމެދު ހެދުމަށް އަންގާފައިވާ ރިޕޯޓް އަދިވެސް ނުނިމޭ ކަމުގައި ވިދާޅުވި އެވެ.
ބިހާރުގެ މި ބްރިޖް މުހިއްމުވެފައިވަނީ މިއީ އެ ސްޓޭޓްގެ ދެކުނާއި އުތުރު ގުޅުވާލަދޭ މުހިއްމު ބްރިޖަކަށްވާތީ އެވެ.
ބިހާރުގެ ޗީފް މިނިސްޓަރު ވަނީ މި ހާދިސާ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ރޯޑް ކޮންސްޓްރަކްޝަން ޑިޕާޓްމަންޓްގެ އޮފިޝަލުންނަށް އަމުރުކޮށްފަ އެވެ. އަދި ސްޓޭޓް ޑެޕިއުޓީ ޗީފް މިނިސްޓަރަކީ ރޯޑް ކޮންސްޓްރަކްޝަން ޑިޕާޓްމަންޓްގެ ކަންކަމާ ހަވާލުވެފައިވާ ފަރާތަށްވާއިރު އޭނާ ވަނީ މިކަމުގައި އިހުމާލުވި ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.
މި ހާދިސާއާއި ގުޅިގެން ބީޖޭޕީގެ ރައީސް ސަމްރަޓް ޗައުދަރީ ވަނީ ބިހާރުގެ ޗީފް މިނިސްޓަރު އަދި ކުރީގެ ބީޖޭޕީ މެންބަރު އަދި މިހާރު ޕާޓީއާއި މައްސަލަޖެހި ދުރުވެފައިވާ ނިތިޝް ކުމާރު އިސްތިއުފާ ދިނުމަށް ގޮވާލައްވާފަ އެވެ. ބީޖޭޕީގެ އެހެން މެންބަރެއް ކަމުގައިވާ ސައިދު ޝަހްނަވާޒް ހުސައިން، އެމްޕީ ބަގަލްޕޫރު ވަނީ މިއީ ކޮރަޕްޝަނުގެ ސަބަބުން މެދުވެރިވާ ކަންކަން ކަމަށް ވިދާޅުވެ މަތީ ފެންވަރުގެ ތަހުގީގުގެއް ހިންގުމަށް އެދިވަޑައިގެންފަ އެވެ.
އިންޑިއާގައި އަޅަމުން އަންނަ ބްރިޖްތަކުގެ ތަފާތު މިފަދަ ހާދިސާތައް ދަނީ ފެންމަތިވަމުންނެވެ. މިފަދަ ކޮންމެ ހާދިސާއަކާއި ގުޅިގެން އިންޖިނިއަރިންގެ ފެންވަރު ދަށްކަމާ މެދު މިއިން ކޮންމެ ފަހަރަކު ސުވާލު އެވެ.