ބޭރު ކުޅިވަރު

ޔޫރޮޕާ ކޮންފަރެންސް ލީގު ތަށި ވެސްޓް ހޭމް ޔުނައިޓެޑުން ހޯދައިފި

ޔޫރޮޕާ ކޮންފަރެންސް ލީގް ތަށި އިނގިރޭސި ޕްރެމިއާ ލީގް ކްލަބް ވެސްޓް ހޭމް ޔުނައިޓެޑުން ހޯދައިފި އެވެ.

ޗެކް ރިޕަބްލިކްގެ ވެރިރަށް ޕްރާގްގައި ރޭ ކުޅެވުނު ފައިނަލް މެޗުން ވެސްޓް ހޭމް މޮޅުވީ އިޓަލީގެ ފިއޮރެންޓިނާ އާއި ވާދަކޮށް 2-1 އިން މޮޅުވެގެންނެވެ.

ވެސްޓް ހޭމްގެ މި ކާމިޔާބަކީ މީގެ 58 އަހަރު ކުރިން 1965 ގައި ޔޫރަޕިއަން ކަޕް ވިނާސް ކަޕްގެ ތަށި އެ ޓީމްގެ ކެޕްޓަން ބޮބް މޫ އުފުލާލި ފަހުން ޔޫރަޕްގެ މުބާރާތަކުން ބޮޑު ކާމިޔާބެއް ލިބުނު ފުރަތަމަ ފަހަރެވެ.

ރޭގެ މެޗްގައި ސަޕޯޓަރުންގެ ފަރާތުން ހަމަނުޖެހުން ހިންގުމާ ގުޅިގެން ފުރަތަމަ ހާފްގައި ވަގުތުކޮޅަކަށް މެޗްގެ ކުޅުން މެދުކަނޑަލާން ޖެހުނެވެ.

ވެސްޓް ހޭމްގެ ސަޕޯޓަރުން ތިބި ފަރާތުން ދަނޑު މައްޗަށް އެއްލި އެއްޗަކުން ޖެހި ފިއޮރެންޓީނާގެ ކެޕްޓަން ކްރިސްޓިއާނޯ ބިރާގީގެ ބޮލުގައި ޖެހި ބޯ ފަޅައިގެން ދިޔަ އެވެ. ފަހުން އޭނާ ކުޅުނީ ފަރުވާ ހޯދުމަށްފަހު ބޮލުގައި ބެންޑޭޖް އަޅައިގެންނެވެ.

ވެސްޓް ހޭމް އިން މި މެޗްގައި ފުރަތަމަ ލަނޑު ޖެހީ ދެވަނަ ހާފްގެ 62 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ސައިދު ބިންރަހްމާ އެވެ. އޭގެ ފަސް މިނެޓް ފަހުން ފިއޮރެންޓިނާ އިން ވަނީ ވެސްޓް ހޭމްގެ ޕެނަލްޓީ އޭރިއާ ތެރެއިން ޖިއާކޯމޯ ބޮނަވެންޗޫރާގެ ހިތްގައިމު ގޯލުން 1-1 އިން އެއްވަރުކޮށްފަ އެވެ.

ދެ ޓީމުން ވެސް ހަމަޖެހިލައިގެން ކުޅެމުން ގޮސް 90 މިނެޓް ފާއިތުވެ އެންމެ ފަހު މިނެޓްގައި ބްރެޒިލްގެ ލޫކަސް ޕަކޭޓާގެ ޕާހަކުން އޮފްސައިޑް މަޅިން ނެއްޓި ޖެރޯޑް ބޯވެން ވަނީ ލަނޑު ޖަހާފަ އެވެ. ވެސްޓް ހޭމްގެ މިކާމިޔާބަކީ 1980 ގައި އެފްއޭ ކަޕް ހޯދި ފަހުން ބޮޑު މުބާރާތެއްގެ ތައްޓެއް އެމީހުންނަށް ލިބުނު ފުރަތަމަ ފަހަރުވެސްމެ އެވެ.

ޔޫރަޕް ކޮންފަރެންސް ލީގް ކަޕަކީ ޔޫރަޕްގައި ޗެމްޕިއަންސް ލީގާއި ޔޫރަޕާ ލީގް ނެގުމަށްފަހު ދެން އޮންނަ އެންމެ ބޮޑު ޝަރަފްވެރި މުބާރާތެވެ.