ޔުއެފާ ނޭޝަންސް ލީގުގައި ރޭ ބޭއްވުނު މެޗުގައި އިނގިރޭސިވިލާތުން 3-1ގެ ނަތީޖާ އަކުން ފިންލަންޑު ބަލިކޮށްފި އެވެ.
ފިންލަންޑުގެ ވެރިރަށް ހެލްސިންކީގައި ކުޅުނު މި މެޗަކީ އިނގިރޭސިވިލާތުން މި މުބާރާތުގައި އެންމެ ފަހުން ގްރީސްއާ ދެކޮޅަށް ކުޅެ ބަލިވި މެޗަށްފަހު ކުޅުނު މެޗެވެ.
މި މެޗުގައި އަނިޔާގެ ސަބަބުން ހެރީ ކޭން ނުކުޅެ އެވެ. އެހެންވެ ވަގުތީ ކޯޗު ލީ ކާސްލީ ވަނީ ޓީމުގެ ފޯވަޑް ލައިނަށް ބަދަލުތަކެއް ގެނެސްފަ އެވެ.
މި މެޗު ކާމިޔާބުކުރުމާއެކު އިނގިރޭސިވިލާތަށް ވަނީ މި ގްރޫޕުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން 9 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ މަގާމު ލިބިފަ އެވެ. އެއްވަނައިގައިވާ ގްރީސްއަށް ވަނީ ހަތަރު މެޗުން 12 ޕޮއިންޓް ލިބިފަ އެވެ.
މެޗުގެ 18 ވަނަ މިނެޓުގައި ޖެކް ގްރީލިޝް ވަނީ އިނގިރޭސިވިލާތަށް ފުރަތަމަ ލަނޑު ޖަހައިދީފަ އެވެ.
ގްރީލިޝްއަކީ ވަގުތީ ކޯޗު ކާސްލީ ގައުމީ ޓީމަށް އަލުން ނަގާފައިވާ ކުޅުންތެރިއެކެވެ. ދެވަނަ ލަނޑު އިނގިރޭސިވިލާތުން ޖެހީ 74 ވަނަ މިނެޓުގައި އެލެކްޒެންޑަ އާނޯލްޑެވެ. އަދި 87 ވަނަ މިނެޓުގައި ޑެކްލަން ރައިސް ވަނީ އިތުރު ލަނޑެއް ޖަހައިދީފަ އެވެ.
ފިންލަންޑުގެ ހަމައެކަނި ލަނޑު ޖެހީ މެޗު ނިމުމާ ކައިރިވެފައި ވަނިކޮށް 87 ވަނަ މިނެޓުގައި ޖަހައިދިނީ އާތޫ ހޮސްކޮންނެވެ.
އިނގިރޭސިވިލާތުން މި މުބާރާތުގައި ދެން ކުޅޭނީ އަންނަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ގްރީސްގައި އެ ގައުމާ ދެކޮޅަށެވެ.