އިނިގިރޭސި ކުލަބް -- މެންޗެސްޓާ ޔުނައިޓެޑަށް ވަމުންދާ މާލީ ގެއްލުންތައް ކުޑަކުރުމަށްޓަކައި އިތުރު 200 މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމައިފި އެވެ.
މިކަން ހާމަކޮށްފައިވަނީ ކުލަބުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އުމަރު ބެރާޑާ އެވެ.
މިދިޔަ ހޯމަ ދުވަހު ކުލަބުގެ މުވައްޒަފުންނާއެކު ބޭއްވި ބައްދަލުވުމުގައި ބެރާޑާ ވިދާޅުވީ 2019 ވަނަ އަހަރުން ފެށިގެން ވޭތުވެދިޔަ ފަސް އަހަރުވެސް ކުލަބަށް ގެއްލުންވެފައިވާތީ، މިކަމުން އަރައިގަތުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށެވެ.
މިއީ ވޭތުވެދިޔަ އަހަރުވެސް 250 މުވައްޒަފުން ވަޒީފާއިން ދޫކޮށްލުމަށްފަހު އިތުރަށް އަޅާ ފިޔަވަޅެކެވެ.
ހަރަދުތައް ކުޑަކުރުމުގެ ޕްލޭންގެ ތެރޭގައި ހިމެނޭ ކަންތައްތައް:
- އޯލްޑް ޓްރެފަޑްގެ ކެންޓީންތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހިލޭ ދެމުންއައި ކެއުންތައް ހުއްޓާލުން (އަހަރަކު 1.26 މިލިއަން އެމެރިކާ ޑޮލަރު ސަލާމަތްކުރެވޭނެކަމަށް ލަފާކުރެވޭ)
- ބައެއް މުވައްޒަފުން އޯލްޑް ޓްރެފަޑްއިން ކުލަބުގެ ޓްރެއިނިން ފެސިލިޓީއަށް ބަދަލުކުރުން
- އެގްޒެކެޓިވް ބޯނަސްގެ ގޮތުގައި ދެމުންއައި އަދަދުތައް މުރާޖައާކޮށް ކުޑަކުރުން
- ޗެރިޓީއަށް ކުރަމުން އައި ހަރަދުތައް ކުޑަކޮށް، މެންޗެސްޓާ ޔުނައިޓެޑްގެ ފައުންޑޭޝަން މެދުވެރިކޮށް އެކަނި ހިންގާ ގޮތަށް ބަދަލުކުރުން
މިދިޔަ ހަފުތާގައި ކުލަބުން ހާމަކުރި ގޮތުގައި ދެވަނަ ކުއާޓަރުގައި 7.8 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ވަނީ ވެފައެވެ.
ޖިމް ރެޓްކްލިފް މެންޗެސްޓާ ޔުނައިޓެޑްގެ މައި ހިއްސާދާރަކަށް ވެފައިވަނީ ގާތްގަނޑަކަށް އަހަރެއްހާ ދުވަސްކުރިން 1.25 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކުރުމަށްފަހު އެވެ. ނަމަވެސް ފުޓްބޯޅަ ދަނޑުގައި ކުލަބަށް ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.
މެންޗެސްޓާ ޔުނައިޓެޑުން މިދިޔަ ސީޒަންގައި ޕްރިމިއާ ލީގު ނިންމާލީ 8 ވަނައިގައި އޮވެގެންނެވެ. މިސީޒަންގައި މިހާތަނަށް ކުލަބު އޮތީ ތާވަލުގެ 15 ވަނައިގަ އެވެ.