އެފްއޭ ކަޕް

ޔުނައިޓެޑް ކަޓުވާލައި ފުލަމް ކުއާޓާ ފައިނަލަށް

މެންޗެސްޓަ ޔުނައިޓެޑް އަދި ފުލަމް ބައްދަލުކުރި މެޗުގެ ތެރެއިން
0%
0%
0%

އިނގިރޭސި އެފްއޭ ކަޕްގެ ފާއިތުވި ސީޒަންގެ ޗެމްޕިއަން މެންޗެސްޓަ ޔުނައިޓެޑް 4-3ގެ ނަތީޖާއަކުން ޕެނަލްޓީ އިން ބަލިކޮށް ފުލަމް އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

އޯލްޑް ޓްރެފޯޑްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ކުޅެ ނިމުނުއިރު ދެ ޓީމުގެ މެދުގައި ނަތީޖާ އޮތީ 1-1 އިން އެއްވަރުވެފަ އެވެ. މި މެޗުގައި ފުލަމްގެ ގޯލްކީޕަރު ބާން ލޭނޯގެ ހިތްވަރާއެކު ވަނީ ކާމިޔާބީ ހޯދައިގެން މުބާރާތުގެ ކުރިއަށް އޮތް ބުރަށް ދަތުރުކޮށްފަ އެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ފުލަމްއަށް ލީޑު ހޯދައިދިނީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކަލްވިން ބާސީ އެވެ. ނަމަވެސް ދެވަނަ ހާފުގައި ޔުނައިޓެޑްގެ ޕޯޗުގީޒް މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް ވަނީ މެޗު އެއްވަރުކޮށްފަ އެވެ.

މެޗުގެ ކުޅުން ދިގުލައިގެން ދިޔައިރު ޔުނައިޓެޑް ކުރިއަށް ދިއުމަށް އަލެހަންދްރޯ ގާނާޗޯ ޖެހި ގޯލު ފުލަމްގެ ކީޕަރު ލޭނޯ ވަނީ ހުޝިޔާރުކަމާއެކު ހުއްޓުވާފަ އެވެ. ހަމައެހެންމެ އަނެއްފަރާތުން ފުލަމްގެ ކުރިއެރުމަށް އެމީލް ސްމިތު ރޯވް ޖެހި ބޯޅަ ޔުނައިޓެޑްގެ ކީޕަރު އަންދްރޭ އޮނާނާވެސް ވަނީ މަތަކޮށްފަ އެވެ.

އިތުރު ވަގުތުގައި ޔުނައިޓެޑްގެ ޒުވާން ކުޅުންތެރިޔާ 17 އަހަރުގެ ޗިޑޯ އޮބީ ޖެހި ބޯޅަވެސް ލޭނޯގެ މޮޅު ކުޅުމާއެކު ވަނީ ގޯލަށް ވަނުން ހުއްޓުވާފަ އެވެ.

މެޗު ޕެނަލްޓީއަށް ދިއުމުން ފުލަމްގެ ހުރިހާ ކުޅުންތެރިން - ރައުލް ހިމެނޭޒް، ސަންޑަ ބާގާ، ވިލިއަން އަދި އެންޓޮނީ ރޮބިންސަން - ވަނީ ޕެނަލްޓީތައް ކާމިޔާބުކޮށްފަ އެވެ. ޔުނައިޓެޑްގެ ފަރާތުން ބްރޫނޯ ފެނާންޑޭސް، ކަސެމީރޯ އަދި ޑިއޯގޯ ޑަލޯ ވަނީ ޕެނަލްޓީތައް ކާމިޔާބު ކޮށްދީފަ އެވެ. ނަމަވެސް ޖޯޝުއާ ޒާކްޒީ އަދި ވިކްޓާ ލިންޑެލޯފްގެ ޕެނަލްޓީތައް ލޭނޯ ވަނީ މަތަކޮށްފަ އެވެ.

މި މެޗާއެކު އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި ކުޅޭނެ ޓީމުތައް ކަނޑައެޅިގެން ގޮސްފައިވާއިރު، ފުލަމް އިން ކުއާާޓަ ފައިނަލްގައި ބައްދަލުކުރާނީ ކްރިސްޓަލް ޕެލަސްއާ އެވެ. އެހެން މެޗުތަކުގައި މެންޗެސްޓާ ސިޓީ އިން ބޯންމައުތާ ކުޅޭއިރު، ބްރައިޓަން އިން ނޮޓިންހަމް ފޮރެސްޓާއި އިޕްސްވިޗު ޓައުން މެޗުގެ ވިޖަޔަވެރިޔާއާ ބައްދަލުކުރާނެއެވެ. އަދި އެސްޓަން ވިލާ އިން ޕްރެސްޓަންއާ ބައްދަލުކުރާނެ އެވެ.

ބްރައިޓަން ވަނީ ނިއުކާސަލް ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗެއްގައި 2-1 ގެ ނަތީޖާއަކުން މޮޅުވެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910