ރޭ އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން ބަލިވެ ޔޫއެފާ ނޭޝަންސް ލީގުގެ ދެ ވަނަ ފަންތި އަށް މަޝްހޫރު އިންގްލެންޑް ރެލިގޭޓް ވެއްޖެ އެވެ.
އިންގްލެންޑް ލީގު ބީ އަށް ރެލިގޭޓްވީ ބާކީ މެޗެއް އޮއްވައި ގްރޫޕުގެ ފުލަށް ދިއުމުންނެވެ. މި ގްރޫޕުގެ އެއްވަނައިގައި އޮތީ ރޭ 1-0 އިން ޖަރުމަނު ބަލިކުރި ހަންގޭރީ އެވެ. އިންގްލެންޑް ބަލިކުރުމުން އިޓަލީ ވަނީ އަށް ޕޮއިންޓާ އެކު ދެ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ތިންވަނައިގައި އޮތީ ހަ ޕޮއިންޓް ލިބިފައިވާ ޖަރުމަނެވެ. ފުލުގައި އޮތް އިންގްލެންޑަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.
ފަހު މެޗުގައި އިންގްލެންޑުން އަމިއްލަ ދަނޑުގައި ޖަރުމަނާ ދެކޮޅަށް ނުކުންނައިރު އިޓަލީ ނުކުންނާނީ ހަންގޭރީއާ ދެކޮޅަށެވެ.
އިންގްލެންޑް ރެލިގޭޓް ވިއިރު ޖަރުމަނަށް ވަނީ އެއް ވަނަ ހޯދުމުގެ ފުރުސަތު ބަންދުވެފަ އެވެ. ގްރޫޕުގެ އެއް ވަނަ ލިބޭނީ ހަންގޭރީ ނުވަތަ އިޓަލީ އަށެވެ. އިޓަލީއާ އެއްވަރުކޮށްލައިގެން ހަންގޭރީ އަށް ފައިނަލް ބުރުން ފުރުސަތު ލިބޭނެ އެވެ.
މެޗުން ބަލިވުމުން އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނީ އެޓީމުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައި، ގިނަ ހަމަލާތައް އުފައްދައި މެޗުގެ ބޮޑު ބައެއްގައި މޮޅަށް ކުޅުމުން ޓީމަށް ފާޑުކިޔުމުގެ ފުރުސަތު ނެތް ކަމަށެވެ.
"ވަކިވަކި ކުޅުންތެރިންގެ ކުޅުން ފާހަގަކުރެވުނު. އަމިއްލަ ގޮތުން އަހަރެން ގަބޫލުކުރަނީ މިއީ ރަނގަޅު ފާލެއް ކަމަށް. އެކަމަކު ނަތީޖާއާ މެދު ހިތްހަމައެއް ނުޖެހޭ" އިންގްލެންޑް ގޮވައިގެން އަންނަ ނޮވެމްބަރު މަހު ވޯލްޑް ކަޕަށް ނުކުންނަން ތައްޔާރުވާ ކޯޗު ބުންޏެވެ.
އިންގްލެންޑް ވަނީ މިދިޔަ އަހަރުގެ އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ވާދަކޮށްފަ އެވެ. ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބަލިވީ އިޓަލީ އަތުންނެވެ. އޭގެފަހުން އެޓީމުގެ ފޯމު ދަށްވިއިރު ނޭޝަންސް ލީގުގެ ފުރަތަމަ ފަސް މެޗުން ވެސް މޮޅެއް ނުލިބުނެވެ. މިއީ 2014 ވަނަ އަހަރުގެ ފަހުން މޮޅެއް ނުލިބި ފަސް މެޗު ނިންމާލި ފުރަތަމަ ފަހަރެވެ.
އިންގްލެންޑަށް ގޯލު ޖެހުމުގެ މައްސަލަތައް ދިމާވެފައިވާއިރު ކުޅުމުގެ ތެރެއިން އެޓީމަށް ގޯލެއް ނުޖެހޭތާ 495 މިނެޓު ވަނީ ވެފަ އެވެ.
"ގޯލު ނުޖެހޭ ސީދާ މައްސަލަ ބުނަން އުނދަގޫ. އެކަމަކު އަހަރެމެން އޭރިޔާ ތެރޭގައި ނުރައްކާ ކުރަން. އެކަމަކު ނިންމާލުމުގައި ޓީމަށް މައްސަލަ ކުރިމަތިވަނީ" ޕްރެޝަރުވެފައިވާ ކޯޗު މެޗަށް ފަހު ބުންޏެވެ.
ރޭގެ މެޗުގެ ހަމައެކަނި ގޯލު 68 ވަނަ މިނެޓުގައި އިޓަލީ އަށް ކާމިޔާބުކޮށްދިނީ ޖިއަކޯމޯ ރަސްޕަޑޯރީ އެވެ. އިންގްލެންޑުގެ އޭރިޔާ ތެރެއިން ލިބުނު ބޯޅަ ހަތަރު ޑިފެންޑަރުން ތިއްބައި އޭނާ އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ.
ނޭޝަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ބަލްގޭރިއާ ވަނީ 1-5 އިން ޖިބްރާލްޓާ ބަލިކޮށްފަ އެވެ. އެސްޓޯނިއާ އިން 1-2 އިން މާލްޓާ ބަލިކުރިއިރު ފިންލެންޑާއި ރޫމޭނިއާ ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އަމިއްލަ ދަނޑުގައި ޖިއޯޖިއޯ ވަނީ 0-2 އިން ނޯތު މެސަޑޯނިއާ ބަލިކޮށްފަ އެވެ.