އިންޑިއާ

އިންޓަކޮންޓިނެންޓަލް ކަޕްގައި އިންޑިއާ އިން މޮންގޯލިއާ ބަލިކޮށްފި

ހަތަރު ގައުމެއް ބައިވެރިކޮށްގެންގެ އިންޑިއާގައި އިއްޔެ ފެށި އިންޓަކޮންޓިނެންޓަލް މުބާރާތުގެ ފުރަތަމަ މެޗް އިންޑިއާ އިން ކާމިޔާބު ކޮށްފި އެވެ.

އިންޑިއާގެ އޮޑިއްސާ ސްޓޭޓްގެ ކަލިންގާ ސްޓޭޑިއަމްގައި ކުޅެވުނު މި މެޗްގައި އިންޑިއާ އާއި ވާދަކުރީ މޮންގޯލިއާގެ ގައުމީ ޓީމެވެ. އިންޑިއާ މި މެޗް ކާމިޔާބު ކުރީ 2-0 ގެ ނަތީޖާ އިންނެވެ.

މެޗް ފެށިގެން ދެވަނަ މިނެޓްގައި އިންޑިއާގެ ސަހަލް އަބްދުލް ސަމަދު ވަނީ އިންޑިއާ އަށް ލީޑް ނަގައިދީފަ އެވެ. އަދި މެޗްގެ 14 ވަނަ މިނެޓްގައި ލަލިއަންޒުއަލާ ޗަންގްޓޭ ވަނީ ގޯލް ޖަހައި 2-0 ގެ ނަތީޖާ އަށް ބަދަލުކޮށްފަ އެވެ.

ފީފާ ރޭންކިންގައި އިންޑިއާ 101 ވަނައިގައި އޮތް އިރު މޮންގޯލިއާ އަކީ ރޭންކިންގައި 185 ވަނަ އަށް އޮތް ގައުމެވެ.

މި މެޗުގައި އިންޑިއާގެ ޓޮޕް ސްކޯރާ ސުނިލް ޗެތްރީގެ ފަރާތުން ފެނުނީ ފަނޑު ކުޅުމެކެވެ. އޭނާ ކުރިއަށްޖެހޭ ވަގުތުގައި ދެ ވިންގަރުން ކަމުގައިވާ އުޑަންތާ ސިންގް އަދި ޗަންގްޓޭ ވަނީ ފަހަތުން އަރައި ކުޅެ އިންޑިއާ ކޯޗް ސްޓިމަޗްގެ 4-2-3-1 ގެ ފޯމޭޝަނަށް ރަނގަޅު ކުޅުމެއް ކުޅުމަށް މަސައްކަތްކޮށްފަ އެވެ. ސަހަލް އަދި އަނުރުދް ތާޕާ އަށް ޖާގަ ލިބި ގޯލް ޖަހަން ގިނަ ފުރުސަތުތަކެއް ވެސް ލިބިގެންދިޔަ އެވެ.

މޮންގޯލިއާ އިން ވެސް ވަނީ މި މެޗްގައި ރަނަގޅު ކުޅުމެއް ދައްކައި އިންޑިއާގެ ޑިފެންސަށް ބާރު ބޮޑުކޮށްފަ އެވެ.

މި މުބާރާތުގައި އިއްޔެ ކުޅުނު އަނެއް މެޗްގައި ލެބަނަން އިން ވަނީ ފަސޭހަކަމާއެކު 3-1 އިން ސައުތް ޕެސިފިކްގެ ވަނުއަޓޫ ބަލިކޮށްފަ އެވެ. މި މުބާރާތުގެ މެޗްތައް ދެން އޮންނާނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.