ސްވިޒަލޭންޑްގެ މޫވެންޕިކް އާއި ތުރުކީގެ ޑޯނާ ކެބާބް ގުޅިގެން މާލޭގައި, ފުރަތަމަ ފަހަރަށް ބޭރުގެ ދެ ފްރެންޗައިޒް އެކުވެގެން ހުޅުވި ރެސްޓޯރަންޓް ރޭ ހުޅުވައިފި އެވެ.
މޫވެންޕިކަކީ މިހާރު ވެސް މާލޭގައި އެންމެ ފުޅާ ދާއިރާއެއްގައި އައިސްކްރީމް ވިއްކާ ކުންފުންޏެވެ. އެ ކުންފުންޏާއި މަޝްހޫރު ޑޯނާ ކެބާބް ގުޅިގެން ހުޅުވި ރެސްޓޯރަންޓް ހުޅުވައިދިނީ, މޫވްންޕިކްގެ ސައުތް އޭޝިއާ ބްރޭންޑް އެމްބެސެޑަ އޭވީއެމް ރައޯ އާއި މޫވެންޕިކްގެ ރާއްޖޭގެ މެނޭޖިން ޑިރެކްޓަރު އާމިނަތު އަޝްފާ އެވެ.
ރެސްޓޯރަންޓް ހުޅުވުވައި ދިނުމަށްފަހު ރާއޯ ވިދާޅުވީ ދެ ބްރޭންޑް އެއްވެގެން ހިދުމަތް ދިނުމުން ކަސްޓަމަރުންނަށް އިތުރު ފުރިހަމަ ތަޖުރިބާއެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން މިއީ ވަރަށް ޕޮޒިޓިވް ޑިވެލޮޕްމަންޓެއް ކަމަށާއި، ޑޯނާ ކެބާބްގެ ކެއުންތަކާއި އެކު މިހާރު މޫވްންޕިކްގެ މީރު ޑެޒާޓް ތަކާއި، މިލްކްޝޭކްގެ އިތުރުން އެހެން ރަހަތައް ކަސްޓަމަރުންނަށް ލިބޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.
ފޯރި ގަދަ ހަރަކާތްތަކަކާއި އެކު ރޭ ހުޅުވި ރެސްޓޯރަންޓް ހުންނާނީ ލޮނުޒިޔާރަތް މަގުގެ ހެންވޭރު ކޮޅުގަ އެވެ. އެ ތަނުން ހުރިހާ އުމުރެއްގެ މީހުންނާ ގުޅޭ ކެއުންތައް ލިބެންހުރި އިރު ހާއްސަ ގޮތެއްގައި އައިސްކްރީމާއި, އައިސްކްރީމް ބޭނުންކޮށްގެން އުފައްދާ ކާނާގެ ބާވަތްތައް ލިބެން އެބަހުއްޓެވެ. އޭގެ އިތުރުން ޑޯނާ ކެބާބްގެ ރަހަމީރު އެތައް ކެއުންތަކެއްވެސް އެ ތަނުން ލިބެ އެވެ.
މި ދެ ބްރޭންޑް އެއްކޮށްގެން މާލޭގައި ރެސްޓޯރަންޓް ހުޅުވީ, ދިވެހި މާކެޓަށް ބޭރުގެ ގިނަ ކޮލެޓީ ބްރޭންޑްތަކެއް ގެނެސްދެމުން އަންނަ ވާލީ އިންޓްނޭޝަނަލް އިންނެވެ. އެ ކުންފުނިން ބުނީ އަލަށް ހުޅުވި ރެސްޓޯރަންޓުން ބޭރުގެ ބްރޭންޑްތަކުގެ ކޮލެޓީތައް ރަހަތައް އެއްވެސް ތަފާތު ކަމެއްނެތި ލިބިގެން ދާނެ ކަމަށެވެ.
އެ ކުންފުނިން ބުނީ މި ރެސްޓޮރަންޓް ހުޅުވީ މި ދެ ރެސްޓޮރަންޓްގެ ތަޖުރިބާއަށް ބެލުމަށްފަހު ކަސްޓަމަރުންނަށް ގާތުން ހިދުމަތް ދިނުމަށް ކަމަށެވެ. އަދި މިއީ ފައިން ޑައިނިން އެކްސްޕީރިއަންސެއް ކަސްޓަމަރުންނަށް ދިނުމަށް ހުޅުވި ރެސްޓޯރަންޓެއް ކަން އެ ކުންފިނިން ފާހަގަކުރެ އެވެ.
އެ ރެސްޓޯރަންޓް ހުޅުވުމަށް ރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި, ފޯރި ގަދަ މިއުޒިކް ހަރަކާތްތަކާއި އެކު, ފްރީ އައިސްކްރީމް އާއި އެހެނިހެން ބައެއް ރަހަތައް ހިލޭ ބަލައިލުމުގެ ފުރުސަތު ހުޅުވާލާފައި އޮތެވެ. އަދި އެ ރަސްމިއްޔާތުގައި ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވި އެވެ.