އިސްލާމިކް މިނިސްޓްރީ

ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި

މާލެ ސަރަހައްދުުގެ ދިރިއުޅޭ ފަގީރުން -- ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވާން އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ފަގީރުންނާއި މިސްކީނުންނަށް ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފަ އެވެ. އެކަމަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީން ބަލައި ގަންނާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:00 އިން 12:00 އަށެވެ.

އިއުލާންގައިވާ ގޮތުން މިއަހަރުގެ ޒަކާތުގެ ފައިސާ ހަވާލުކުރެވުނު ފަރާތްތަކުގެ ތެރެއިން ހާލަތު ބަދަލުވުމުގެ ސަބަބުން ދަފުތަރުން އުނިވެފައިވާކަން އެންގިފައި ނުވާ ފަރާތްތަކަކީ މި ވަގުތު ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކެކެވެ. އެހެންކަމުން އެފަދަ ފަރާތްތަކުން އަލުން ފޯމް ހުށަހަޅާކަށް ނުޖެހޭނެ އެވެ.

ރަޖިސްޓްރީކުރަން އަލުން ހުށަހަޅަން ޖެހެނީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ އާއިލާތަކުގައި ޖުލައި 22 އަށް 18 އަހަރު ފުރޭ ކުއްޖަކު ހުރި ނަމަ އެކުއްޖަކާ 65 އަހަރު ފުރޭ މީހަކު ހުރި ނަމަ އެމީހެކެވެ.

މީގެ އިތުރުން އަލުން ދަފުތަރުގައި ރަޖިސްޓްރީކުރަން ޖެހެނީ މިހާރު މާލޭގައި ދިރިނޫޅޭ ފަރާތްތަކާއި، ދަފުތަރުގައި ރަޖިސްޓްރީކުރި ފަހުން ކައިވެނީގެ ހާލަތަށް ބަދަލު އައިސްފައިވާ ފަރާތްތަކާއި، މިހާރު ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެފައިވާ ފަރާތްތަކުންނެވެ.

ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް އެ މިނިސްޓްރީގެ ކައުންޓަރުންނާއި އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި މި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގެ ކައުންޓަރުންނެވެ.