ޞަފުހާ

ހަމީދު: މުނިސިޕަލް ހިދުމަތުގައި މުޅި އުމުރު

އަ ބްދުލް ހަމީދު އަލީ ސަރުކާރަށް ހިދުމަތްކުރެއްވި 43 އަހަރުގެ ތެރެއިން 30 އަހަރު ހިދުމަތް ކުރެއްވީ މާލޭ މުނިސިޕަލްޓީގަ އެވެ. އެ އިދާރާގައިވެސް ހަމީދުގެ އެންމެ ހާއްސަ މަސައްކަތަކީ މުނިސިޕަލް ހިދުމަތް ދިނުމުގެ މަސައްކަތެވެ.

އޭރު މާލޭ މުނިސިޕަލްޓީ އަކީ ސަރުކާރުގައި ވަކިން ހާއްސަކޮށް މާލޭގައި ވަރަށް ގިނަ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އޮންނަ މުއައްސަސާއެކެވެ.

ހަމީދު ގަބޫލުކުރައްވާ ގޮތުގައި 30 އަހަރު އެއްތަނެއްގައި މަސައްކަތް ކުރެވުނީ ރަނގަޅު ހިދުމަތްތަކެއް އޭނާއަށް ކުރެއްވިފައިވާތީ އެވެ. އެއީ ލިބޭ ޗިޓަކުން ސުވާލެއްވެސް ނެތި ވަޒީފާ އަދާކުރާތަން ބަދަލުކޮށްލަމުން ދިޔަ ޒަމާނެވެ.

"އަޅުގަނޑު ވަރަށް ހިތްހަމަޖެހުމާއެކު 30 އަހަރު މާލެ މުނިސިޕަލްޓީގައި މަސައްކަތް ކުރީ،" ހަމީދު ވިދާޅުވި އެވެ.

މުނިސިޕަލްޓީއަށް ގުޅިވަޑައިގަތުމުގެ ކުރިން ހަމީދު ވަނީ ޑަބްލިއުއެޗްއޯގައި ހެލްތު ވޯކަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފަ އެވެ. އޭގެ ފަހުން ފެލިވަރުގައި ދަޅު ބަންދުކުރާ ތަނަށް މީހުން ހޯދުމަށް އިއުލާނުކުރުމުން އެކަމަށް ކުރިމަތިލައި ލިބުނު ފުރުސަތުގައި އިންޑިއާއިން ވެސް ކަމާ ގުޅޭ ތަމްރީންތަކެއް ހޯދެއްވި އެވެ.

ތަމްރީންތަކަށްފަހު ހަމީދު ރާއްޖެ ވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވެ އޭރު އޮތް ރައީސް އިބްރާހީމް ނާސިރުގެ ސަރުކާރު ބަދަލުވެ ސިޔާސީ ގޮތުން ކަންތައްތަކެއް ހިނގާދިޔަ އެވެ. އެކަންކަމާ ގުޅިގެން މާލޭ މުނިސިޕަލްޓީގެ އޭރުގެ ރައީސް އުމަރު ޒާހިރުއާ ހަމީދު ބައްދަލުކުރައްވާ މުނިސިޕަލްޓީގެ ސުޕަވައިޒަރެއްގެ ވަޒީފާއަށް ޝައުގުވެރިކަން ފާޅުކުރެއްވި އެވެ. އެކަމަކު އުމަރު ޒާހިރު ދެއްވީ ހަމީދު އެދިވަޑައިގެންނެވި މަގާމަށް ވުރެވެސް މަތީ މަގާމެކެވެ.

"[އުމަރު ޒާހިރު] ވިދާޅުވީ ބޭނުންވާ ވަޒީފާ ލިޔެފައި ސިޓީއެއް ގެންނާށޭ. އަޅުގަނޑު ސިޓީ ލިޔުނީވެސް ސުޕަވައިޒަރެއްގެ ވަޒީފާ ހޯދަން. އެކަމަކު އަޅުގަނޑު ގެންދެވީ އެސިސްޓެންޓް އަންޑާ ސެކްރެޓަރީއަކަށް،" ހަމީދު ވިދާޅުވި އެވެ.

ހިދުމަތުގައި ހޭދަކުރެއްވި މުއްދަތުގައި މަގާމުގެ ކުރިއެރުންތައް ލިބެމުން އައިސް މާލޭ މުނިސިޕަލްޓީގައި އޭރު އެންމެ އިސް މަގާމުތަކުގެ ތެރޭގައި ހިމެނޭ ޑިރެކްޓާ ޖެނެރަލްގެ މަގާމު ލިބިވަޑައިގެންނެވި އެވެ.

މާލޭ މުނިސިޕަލްޓީގެ އާންމު ހިދުމަތްތަކާބެހޭ ބައިގައި އޭރު އެންމެ އިސްކޮށް ހުންނެވި ހަމީދު ގަބޫލުކުރައްވާ ގޮތުގައި މާލޭ މުނިސިޕަލްޓީގެ އޭރުގެ ޒިންމާތައް ގިނަ ނަމަވެސް އޭރު އެތަނުގެ މުވައްޒަފުން ރައްޔިތުންނަށް ދިން ހިދުމަތް މިހާރަށް ވުރެ މާބޮޑަށްވެސް ފުރިހަމަ އެވެ.

މަގު ބައްތި ދިއްލުމާއި، މަގު ހެދުމާއި، ދިޔަދޮވިން ފެން ފައިބާ މައްސަލަތައް ހައްލުކުރުމުގެ އިތުރުން މާރުކޭޓްތައް ބެލެހެއްޓުމާއި އަދި ގައުމީ މުނާސަބަތުތައް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަކީވެސް މާލޭ މުނިސިޕަލްޓީގެ ޒިންމާ އެކެވެ. އޭރު އެކަންކަން ބެލެހެއްޓިފައި އޮތް މިންވަރުން ގިނަ ކަންކަން ހުރީ ގާނޫނާއި ގަވައިދުގެ އިމުގެ ތެރޭގައި ކަމަށް ހަމީދު ފާހަގަކުރެއްވި އެވެ.

ހަމީދު އިތުރަށް ވިދާޅުވީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސީދާ އޭނާއަށް ގުޅުއްވާ ބައެއް ކަންކަން ރަނގަޅުކުރުމަށް އަންގަވައި އިރުޝާދުވެސް ދެއްވަމުން ގެންދެވި ކަމަށެވެ.

"އެކަމުންވެސް އެނގޭނީ އޭރު އެންމެ އިސްކޮށް ހުންނެވި ދައުލަތުގެ ވެރިޔާވެސް ކަންކަން ބައްލަވައި ޒިންމާ މަތިކޮށްފައި ތިއްބެވި ބޭފުޅުން ލައްވާ ކަންކަން ރަނގަޅަށް ކުރެއްވުމަށް ބާރުއެޅުއްވި މިންވަރު،" ހިދުމަތުން މިހާރު ރިޓަޔާކުރައްވާފައި ހުންނެވި ހަމީދު ވިދާޅުވި އެވެ.