ހަބަރު

އެމްޑީޕީ އިން އުޅެނީ ރާއްޖެ ސީރިޔާއަކަށް ހަދާލަން: ސިޔާމް

Feb 8, 2016

އެމްޑީޕީ އިން މަސައްކަތް ކުރަނީ ސީރިޔާއަށް ހަނދާލިގޮތް ރާއްޖެ އަށް ހަނދާލައި ހަމަނުޖެހުމުގެ ހާއްޔަކަށް ރާއްޖޭގެ ރައްޔިތުން ވައްޓާލައި ހާލުގައި ޖައްސަން ކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ކުޑަފަރީ ބަނދަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ، އެމްޑީޕީ އިން މަސައްކަތް ކުރަނީ ސީރިޔާ އާއި ލީބިޔާއަށް ހެދިގޮތަށް ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުގެ އެހީގައި ރާއްޖޭގައި ހަމަނުޖެހުން އުފައްދައި އެހެން ދީންތަކަށް ފުރުސަތު ދީ އެއްޖިންސުން ގުޅުން ހިންގުން ފަދަ ކަންކަން ހުއްދަ ކުރަން ކަމަށެވެ. ސީރިޔާ އިން މިސާލު ނަންގަވަމުން ސިޔާމް ވިދާޅުވީ ގައުމަށް ގައްދާރުވި ބައެއްގެ އަމަލުތަކުގެ ސަބަބުން މުޅި ގައުމު ސުންނާފަތިވެ އެތައް ބަޔަކު ހާލުގައި ޖެހުމުން އެ ހާލަތަށް ސީރިޔާ ވައްޓާލުމަށް އެހީތެރިވި ޔޫރަޕްގެ ގައުމުތަކުން އާންމު ރައްޔިތުންނަށް އެހީއެއްނުވެ އެ މީހުން މަރުވާން ދޫކޮށްލާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންތޯ ސީރިއާ ލީބިއާ ފަދަ ގައުމުތަކުން ފެންނަ މަންޒަރު ބަލަން! އަޅުގަނޑުމެން ބޭނުންތޯ އެގޮތް. އެމްޑީޕީ ގައްދާރުން ރާއްޖެއިން ބޭރުގައި ކެނޑިނޭޅި އެ ކުރަނީ އެކަން. ދިވެހިން ހާލުގައި ޖެއްސުން. ދިވެހި ގައުމު އިނގިރޭސިންނާ ހަވާލުކުރުމުގެ މަސައްކަތް. މިއީ މި ސައިތޯނު އެމްޑީޕީ ފިކުރު. މިތަން ސީރިއާ ގޮތަށް ހަދާލަން. އެކަމަށް އަޅުގަނޑުމެން ހިލާ ފުރުސަތެއް ނުދޭނަން،" ސިޔާމް ވިދާޅުވި އެވެ.

އެމަނިކުފާނުގެ އުފަން ރަށުގައި ހުންނަވައި ވާހަކަ އިތުރަށް ކުރިއަށް ގެންދަވަމުން ސިޔާމް ވައުދުވެ ވަޑައިގަތީ އެމްޑީޕީގެ ފިކުރު އެކީ ފުހެލުމަށެވެ. ސިޔާމް ވިދާޅުވީ ޓޫރިޒަމް ބޮއިކޮޓްކޮށްގެން ގެއްލުން ވާނީ ސިޔާސީ ބަޔަކަށް ނޫން ކަމަށެވެ. އޭގެ ގެއްލުން ވާނީ ނިކަމެތި ރައްޔިތުންނަށް ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ. ސައިތާނު ބައެއް ކަމެއް ނުކުރާނެ ކަމަށް ވިދާޅުވި އެވެ. ސިޔާމް ވިދާޅުވި ގޮތުގައި އެމްޑީޕީ އިން ކުރަމުން އަންނަ ކަމަކީ ފާޑު ފާޑުގެ ދޮގާއި ފިތުނަ ފެތުރުމުގެ މަސައްކަތް ކަމަށެވެ. އެ ޕާޓީގެ ކުލަޔާއި މުޅި ޕާޓީ އަކީ ވެސް ނަޖިސް ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

"މި ކުލަވެސް މިއީ ހަމަ ނަޖިސް ކުލައެއް. އަޅުގަނޑު ހުރިހާ އެމްޑީޕީގެ މެންބަރުް ދަންނަވާނީ ތި ޕާޓީ އިން އަވަހަށް ވަކިވެ ވަޑައިގަންނަވާށޭ. ތިބޭފުޅުންގެ ކުރިމަތީގައި ބޭރު ގައުމުގައި އެބޭފުޅުން އެ ގެންދަވަނީ މިތާ ފައްޅިއެއް ނެތޭ، އެއްޖިންސުން ކައިވެނި ނުކުރެވެއޭ ރަސޫލާ... ގެ ހަދީސް ނޫން ގޮތެއް ހޯދަން ވެއްޖޭ ކިޔައިގެން މުޅިން ކްރިސްޓިއަން ފިކުރުމުގެ ވާހަކަ މިދައްކަނީ. މިފަދަ ފިކުރަކާ ގާތްވާކަށް ނުވާނެ،" ސިޔާމް ވިދާޅުވި އެވެ.