ރާއްޖެއާއި އިންޑިއާގެ އިސްވެރިންގެ މެދުގައި އެކުލަވާލާފައިވާ ހައި ލެވެލް ކޯ ގްރޫޕުގެ ބޭފުޅުންގެ މެދުގައި ކުރިއަށް ގެންދާ މަޝްވަރާތަކުގެ ހަތަރުވަނަ ބައްދަލުވުން ބާއްވައިފި އެވެ.
މިބައްދަލުވުން މިއަދު ކުރިއަށް ގެންދިޔައީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގައެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް މިހާރު ކުރެވެމުންދާ ކަންކަން މުރާޖައާ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ. އަދި ތަރައްގީއާއި ދިފާއީ އެއްބާރުލުން ހިމެނޭ ގޮތަށް ދެފަރާތުގެ ޝައުގުވެރިކަން ހުރި ކަންކަމުގައިވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށް ބަޔާނުގައިވެ އެވެ.
މިބަޔާނުގައިވާ ގޮތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ބޭލުމަށް ކުރެވެމުންދާ މަސައްކަތްތަކާ މެދު ދެ ގައުމުންވެސް ހިތްހަމަޖެހެ އެވެ.
ހައި ލެވެލް ކޯ ގްރޫޕުގެ ފަސްވަނަ ބައްދަލުވުން ކުރިއަށް އޮންނަ ޖޫން މަހުގެ ތެރޭގައި އޮންނާނީ މާލޭގައި ކަމަށްވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.