ވެގްނާ ގުރޫޕުގެ ލީޑަރު ޔެވްގެނީ ޕްރިގޯޒިން ހިފަހައްޓައި ދިނުމަށް އެ ޖަމާއަތަށް ހަނގުރާމަކޮށްދޭ ކުލީ ސިފައިންގެ ކިބައިން ރަޝިއާގެ ފެޑެރަލް ސެކިޔުރިޓީ ސާވިސް (އެފްއެސްބީ) އިން އެދިއްޖެ އެވެ.
ވެގްނާ ގުރޫޕަކީ ރަޝިއާގެ މަސްލަހަތު ހިމާޔަތްކުރުމުގައި ރަޝިއާގެ އަސްކަރިއްޔާއަށް ވާގިވެރިވެދޭ ކުލީ ސިފައިންގެ ޖަމާއަތެކެވެ. ޔުކްރޭންގައި އެ ގުރޫޕުން ހަރަކާތްތެރިވަނީ ރަޝިއާ ސިފައިންނަށް މަގުފަހިކޮށް ދިނުމަށެވެ. ރަޝިއާގެ މަސްލަހަތު ހިމާޔަތްކުރުމުގައި ވެގްނާ ގުރޫޕުން ވަނީ ސީރިއާ އަދި ލީބިއާގައި ވެސް ހަރަކާތްތެރިވެފަ އެވެ.
ޕްރިގޯޒިންގެ ލީޑަރުކަމުގައި ވެގްނާ ގުރޫޕުން ޔުކްރޭންގައި ހަރަކާތްތެރިވަމުން ގެންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. މި ދުވަސްތަކުގައި ރަޝިއާގެ ޑިފެންސް މިނިސްޓްރީއަށް ފާޑުކިޔައި ޕްރިގޯޒިން ވަނީ ވީޑިއޯ މެސެޖްތަކެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
ޕްރިގޯޒިން ދާދިފަހުން އާންމުކުރި ވީޑިއޯއެއްގައި ސަރުކާރު ސިފައިން -- އޭނާގެ ކުލީ ސިފައިންނަށް ހަމަލާދޭ ކަމަށް ވަނީ ބުނެފަ އެވެ. އަދި ޚުދު އޭނާއަށް ހަމަލާދިން ރަޝިއާ ސިފައިންގެ މީހަކު ކަމަށް ބުނާ މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
އެހެން ނަމަވެސް، ޕްރިގޯޒިންގެ މި ޝަކުވާ ރަޝިއާގެ ދިފާއީ ޑިފެންސް މިނިސްޓްރީން ގަބޫލެއް ނުކުރެ އެވެ. އެ މިނިސްޓްރީން ބުނާ ގޮތުން ޕްރިގޯޒިން އެ ހަދަނީ ދޮގެކެވެ.
ޕްރިގޯޒިންގެ އަމުރަށް ކިޔަމަން ނުވުމަށް ވެސް ރަޝިއާގެ ފެޑެރަލް ސެކިޔުރިޓީ ސާވިސް އިން ވަނީ ކުލީ ސިފައިންނަށް ގޮވާލާފަ އެވެ.
ޕްރިގޯޒިންގެ ހަމަލާތައް ވެރިރަށަށް އަމާޒުވެދާނެ ކަމަށް ބަލައި ރަޝިއާއިން މިހާރު ވަނީ އަސްކަރީ އުޅަނދުތައް މޮސްކޯއަށް ނެރެފަ އެވެ.
ރަޝިއާގެ އަސްކަރީ ޖެނެރަލުން ތުހުމަތުކުރާ ގޮތުން ޕްރިގޯޒިން މިހާރު މަސައްކަތްކުރަނީ މޮސްކޯއަށް ވަފާތެރިކަމެއް ނެތް ޖެނެރަލުންނާ ގުޅިގެން ދާޚިލީ ހަނގުރާމައެއް ފެށުމަށެވެ. މިކަމުގައި އޮތް ނުރައްކާ ވަރަށް ބޮޑު ކަމަށް ބުނެ ޖެނެރަލުން ވަނީ ރައީސް ޕޫޓިންގެ އަމުރުތައް ތަންފީޒުކުރުމަށް ޕްރިގޯޒިންއަށް އަންގާފަ އެވެ.
ޕްރިގޯޒިން ކުރިން އާންމުކުރި ވީޑިއޯއެއްގައި އޭނާގެ ކުލީ ސިފައިން ތިބޭ ތަނަކަށް ރޮކެޓް ހަމަލާއެއް ދޭތަން ފެނެ އެވެ. އޭނާ އެއިރު ބުނީ އެއީ ސަރުގޭ ޝޮއިގޫ -- ރަޝިއާގެ ޑިފެންސް މިނިސްޓަރު އަޑީގައި ހުންނަވައިގެން އޭނާއަށް ދިން ހަމާލާއެއް ކަމަށެވެ. އެހެންކަމުން ޝޮއިގޫރަށް ބޮނޑިއެއް ދޭން ޖެހޭ ކަމަށެވެ.
އެހެން ނަމަވެސް، މިހާރު ވާހަކަތައް ހުރި ގޮތުން ބުނެވެނީ އެ ރޮކެޓް ހަމަލާއަކީ ވެސް ޕްރިގޯޒިން ކުޅެފައި އޮތް ވީޑިއޯއެއް ކަމަށެވެ.
ވެގްނާ ގުރޫޕާ ރަޝިއާގެ އަސްކަރިއްޔާއާ ދެމެދުގައި މިހާރު ހުރި ޚިލާފުތައް މަގުދައްކަނީ ފަނާކުރުމަށެވެ. މިއީ ރަޝިއާ ޖެނެރަލުން ބުނާ ގޮތުން ބުރަކައްޓަށް ވަޅިހެރުން ކަހަލަ ކަމެކެވެ.
ޕްރިގޯޒިން ބުނާ ގޮތުން ރަޝިއާގެ އަސްކަރިއްޔާއިން ވަނީ ރައީސް ޕޫޓިންއަށް އޮޅުވާލާފަ އެވެ. އެހެންކަމުން ކުނިފޮޅައި މަގުސާފުކުރަން ޖެހިލުމެއް ނެތި ނުކުންނަން ޖެހޭ ކަމަށް އޭނަ ވަނީ ބުނެފަ އެވެ.