ހަބަރު

އިމާރާތް ކުރާއިރު އުފެދޭކުނިން ފީ ނަގަން ފަށަނީ

އިމާރާތް ކުރުމުގެ މަސައްކަތުގެ ތެރެއިން އުފެދޭ ކުނިން ފީ ނަގަން ފަށަން ނިންމާފައިވާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ބުނެފި އެވެ.

އެކޯޕަރޭޝަނުން މިިދޔަ ހޮނިހިރު ދުވަހު ނެރުނު އިއުލާނެއްގައި ބުނީ އަންނަ ހޯމަދުވަހުން ފެށިގެން އިމާރާތް ކުރުމުގެ މަސައްކަތުގެ ތެރެއިން އުފެދޭ ކުނިން ފީ ނަގަން ފަށާނެ ކަމަށެވެ.

އެގޮތަށް އަމަލުކުރަން ނިންމީ މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާކޮށް ވަކި ހަމަތަކެއްގެ މަތިން ކުރުމަށް ކަމަށެވެ.

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުން ކުރި އިއުލާނުގައި ބުނީ އުފުލިތައް ބަހައްޓާފައިވާ އެމްޕީއެލް ސަރަހައްދަށް (މީރުބަހުރު ބަނދަރުން ވަންނަ ގޮތަށް) ޕިކަޕް އަދި ލޮރީގައި ގެނެވޭ ކުނިން ފީ ނަގާނެ ކަމަށެވެ. އެގޮތުން ފީ ނެގޭނީ ކުނި ގެންދާ ޕިކަޕް އަދި ލޮރީގެ ޓަނޭޖަށް ބަލައި، ކޮންމެ ޓަނަކަށް -/200 ރުފިޔާގެ ރޭޓުން ކަމަށް މި އިއުލާނުގައި ބުނެފައިވެ އެވެ.

ކުނި ނައްތާލުމުގެ މަސައްކަތް ތިން ގޮތަކަށް ކުރުމަށް އެކުންފުނިން ނިންމާފައިވާއިރު މާލޭން ކުނި ނައްތާލުމުގެ މަސައްކަތްކުރުމުގެ ގޮތުން ހުޅަނގު ދެކުނު ބަނދަރުގެ ބޭރު ތޮށި ބޭރަށް ޖައްސައި ހަތަރު ހެކްޓަރުގެ ބިން ހިއްކަން އެކުންފުންޏާއި ވަނީ ހަވާލުކޮށްފަ އެވެ.