އިޒުރޭލާއި ފަލަސްތީނުގެ އަރައިރުން

އިޒްރޭލުގެ ހަމަލާތަކާ ގުޅިގެން އދގެ ސެކްރެޓަރީ ޖެނެރަލް ކަންބޮޑުވެއްޖެ

އިޒްރޭލުގެ ސިފައިން މިދިޔަ ހޯމަ ދުވަހު ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނީންގައި ހިންގި އުދުވާނާ ގުޅިގެން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓިއެރޭޒް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އޭނާ ވިދާޅުވީ އިޒްރޭލުގެ އަސްކަރީ ހުރިހާ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަން ޖެހޭނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފް ނުވާ ގޮތުގެ މަތީން ކަމަށެވެ.

"ޖެނީން ގައި ހިންގާފައިވާ އަމަލުތަކާމެދު ސެކްރެޓަރީ ޖެނެރަލް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެންފައި،" ޑެޕިއުޓީ ސްޕޯކްސްޕާސަން ފަރްހާން ހައްގު ވިދާޅުވެފައިވެ އެވެ.

އދ އިން ކުރިން ނެރުނު ބަޔާނުގައި ވަނީ އިޒްރޭލުން ޖެނީންގައި ދިން ހަމަލާތައް ކުށްވެރި ނުކޮށް ދެ ފަރާތުންވެސް ހަމަޖެހުމަށް އިސްކަން ދިނުމަށް ގޮވާލާފަ އެވެ.

"އަހަރެމެން ގޮވާލަނީ ފަލަސްތީން މީހުން ދިރިއުޅެމުން ގެންދާ ސަރަހައްދުތަކަށް ހަމަލާ ދިނުން ވަގުތުން ހުއްޓާލުމަށް،" ބަޔާނުގައިވެ އެވެ.

"އިޒްރޭލުން ސެކިއުރިޓީ އޮޕަރޭޝަންތައް ހިންގާނަމަ ހިންގަންޖެހޭނީ އާންމުންނަށާއި އާންމުންގެ ގެދޮރު އަދި އިމާރާތްތަކަށް ގެއްލުން ނުވާ ގޮތަށް،" އދ އިން އިޒްރޭލުގެ އަމަލު ކުށްވެރި ނުކުރަނީ ކީއްވެގެންތޯ އެތައް ފަހަރަކު ސުވާލު ކުރުމުން ފަރްހާން ހައްގު ބުނެފައިވެ އެވެ.

އދ އިން މެދުއިރުމަތީގެ ސުލްހައިގެ މަޝްރޫއަށް ކަނޑައަޅާފައިވާ ކޯޑިނޭޓަރު، ޓޯ ވެންސްލޭންޑް އެއިގެ ކުރިން ވިދާޅުވެފައިވަނީ އިޒްރޭލުގެ ހަމަލާތަކާއި ގުޅިގެން ހިނގަމުންދާ ހަމަނުޖެހުން ވަރަށް ނުރައްކާ ކަމަށެވެ.

"އިޒްރޭލުގެ މި ހަމަލާތައް މިފަހަރު އައިސްފައިވަނީ އެތައް މަހެއް ވަންދެން ދެފަރާތުގެ ދެމެދުގައި ހިނގަމުން އައި ހަމަނުޖެހުމުގެ ސަބަބުން. މީގެއިން ދައްކައިދެނީ ހުޅަނގު އައްސޭރީގެ މާހައުލުގެ ނާޒުކު ކަމާއި އަދި މިސަރަހައްދު ހިތަށްވެސް ނުގެނެވޭ ފަދަ ބޮޑު ނުރައްކަލަށް ވެއްޓިގެން ހިނަގއިދާނެކަން. ހުރިހާ ފަރާތަކުންވެސް އާންމުން ހިމާޔަތް ކުރެވޭކަން ޔަގީންކުރަންޖެހޭނެ،" ވެންސްލޭންޑް ވިދާޅުވެފައިވެ އެވެ.

ވެންސްލޭންޑް އިތުރަށް ވިދާޅުވީ އޭނާ އާއި ހުރިހާ ފަރާތްތަކާއިވެސް ވާހަކަ ދެކެވެމުންދާ ކަމަށެވެ. އަދި ހަމަނުޖެހުންތައް ހުއްޓާލުމުގެ މުހިއްމުކަން ފާހަގަވާ ކަމަށާއި އިންސާނީ އެހީތައް ޖެނީން އަށް ފޯރުކޮށްދިނުމަށްޓަކައި މަގުފަހިކޮށްދޭންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

އެމެރިކާގެ އިސްލާމިކް ރިލޭޝަން ކައުންސިލުން ވަނީ އިޒްރޭލުގެ ހަމަލާތަކަކީ ލާއިންސާނީ ޖަރީމާއެއް ކަމަށް ސިފަކޮށް އެ ހަމަލާތައް ކުށްވެރިކޮށްފަ އެވެ. އަދި އިޒްރޭލުން ހިންގާ އިންސާނިއްޔަތާއި ޚިލާފު އަމަލުތައް ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެމެރިކާ ސަރުކާރަށް ގޮވާލަފައިވެ އެވެ.

އިޒްރޭލުން ދޭތެރެ ދޭތެރެއިން ފަލަސްތީނުގެ ޓައުންތަކަށް އަރައި އަނިޔާ ކުރަމުން ދިއުމާއި ގުޅިގެން ވޭތުވެދިޔަ މަސްތަކުގައި ހުޅަނގު އައްސޭރީގެ ސަރަހައްދުގައި ވަނީ އިންތިހާއަށް ހަމަނުޖެހުން ބޮޑުވެގެން ގޮސްފަ އެވެ.

މިއަހަރު ފެށުނު ފަހުން މިހާތަނަށް ފަލަސްތީނުގެ 190 މީހަކު އިޒްރޭލު ސިފައިން ވަނީ ޝަހީދުކޮށްލާފަ އެވެ. އަދި އިޒްރޭލުގެ 25 މީހަކުވެސް މި މުއްދަތުގެ ތެރޭގައި ވަނީ މަރާލެވިފަ އެވެ.