އިޒުރޭލާއި ފަލަސްތީނުގެ އަރައިރުން

ގާޒާއަށް ދޭ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެއްޖެ

އިސްރާއީލް ސިފައިން ގާޒާއަށް ދެމުން ގެންދާ ހަމަލާތައް މިވަގުތަށް ހުއްޓާލުމަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ފަލަސްތީނުގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދުން އިއުލާންކޮށްފި އެވެ.

ގާޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމަކަށް އާދެވުނީ މިސްރު މެދުވެރިކޮށް ބޭއްވުނު މަޝްވަރާތަކަށްފަހު އެވެ.

ދެފަރާތުގެ ހަމަލާތައް ހުއްޓާލުމަށް އާދެވިފައިވާއިރު ފާއިތުވި ފަސް ދުވަހުގެ ތެރޭގައި ބަދަލުކުރެވުނު ހަމަލާތަކުގައި ފަލްސްތީނުގެ 33 މީހަކު ޝަހީދު ވެފައިވެ އެވެ. މީގެތެރޭގައި އާންމުންގެ 13 މީހަކު ވެސް ހިމެނެ އެވެ.

އިސްލާމިކް ޖިހާދުގެ ލީޑަރެއް ކަމުގައިވާ މުހައްމަދު އަލް ހިންދީ އިއްޔެގެ ވަގުތެއްގައި ބުނެފައިވަނީ ހަމަލާތައް (ޖީއެމްޓީ ގަޑިން ރޭގަނޑު ހަތެއްގެ ފަހުން) ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް އެއްބަސްވެފައިވާ ކަމަށެވެ.

"މިހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމަކަށް އާދެވުނީ މިސްރުން ކެނޑިނޭޅި ކުރި މަސައްކަތުން. އެކަމަށްޓަކައި މިސްރަށް ޝުކުރުވެރިވަން،" އަލް ހިންދީ ބުނެފައިވެ އެވެ.

ނަމަވެސް އެއްބަސްވެފައިވާ ގަޑިޖެހުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން އިޒްރޭލުން ބުނެފައިވަނީ ފަލަސްތީނުން ވަރުގަދަ ރޮކެޓް ހަމަލާތަކެއް އިޒްރޭލުގެ ދެކުނާއި މެދުތެރެއަށް ދީފައިވާ ކަމަށެވެ. އެއާއެކު އިޒްރޭލުން ގާޒާއަށް ހަމަލަދޭން ބޭނުންވާ އަމާޒުތަކަށް ހަމަލާ ދީފައިވެ އެވެ.

އިޒްރޭލުގެ ފަރާތުން މިހާތަނަށް ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމާމެދު އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް މިސްރުން ކުރިން ބުނެފައިވަނީ އެއްބަސްވުމަކަށް އާދެވުމާމެދު ޔަގީންކަން އޮތް ކަމަށެވެ.

މިސްރަކީ އަބަދުވެސް ފަލަސްތީނު ޖަމާއަތްތަކާއި އިޒްރޭލާއި ދެމެދު ބަދަލުކުރާ ހަމަލާތައް ހުއްޓާލުމުގައި މެދުވެރިއެއްގެ ރޯލް އަދާ ކުރަމުން އަންނަ ގައުމެކެވެ.

މިފަހަރުގެ ހަމަލާތައް ފެށީ އިޒްރޭލުން އިސްލާމިކް ޖިހާދުގެ ތިން ކޮމާންޑަރަކު ސިއްރިއްޔާތުގައި ރާވައިގެން ޝަހީދުކޮށްލުމާ ގުޅިގެން އެޖަމާއަތުން އިޒްރޭލަށް އެތައް ރޮކެޓް ހަމަލާތަކެއް ދިނުމުންނެވެ.

އިޒްރޭލުން ބުނެފައިވަނީ ހަމަލާތައް ދިނީ އިސްލާމިކް ޖިހާދުން ދިން ރޮކެޓު ހަމަލާތަކުގެ ބަދަލުގައި އެޖަމާއަތަށް އަމާޒުކޮށްގެން ދިން ހަމަލާތަކެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ގާޒާގެ ރައްޔިތުން ބުނެފައިވަނީ ހަނގުރާމަ ކުރަމުންދާ މީހުންނާއި އެއްވެސް ގުޅުމެއް ނެތް އާންމު އިމާރާތްތަކަށް ވެސް އިޒްރޭލުން ހަމަލާ ދީފައިވާ ކަމަށެވެ.

މިހަމަލާތައް ވަގުތުން ހުއްޓާލުމަށާއި އާންމުންނަށް ލިބޭ ގެއްލުންތައް ވީހާވެސް ކުޑަކުރުމަށް އދ އާއި ޔޫރަޕުންވެސް ވަނީ ގޮވާލާފަ އެވެ.