އިޒުރޭލާއި ފަލަސްތީނުގެ އަރައިރުން

ފަލަސްތީނާއި އިޒްރޭލުގެ ކުރިމަތިލުންތައް އަނެއްކާވެސް ވަރުގަދަވެއްޖެ

ފަލަސްތީނާއި އިޒްރޭލުގެ ކުރިމަތިލުންތައް ގާޒާގައި އަނެއްކާވެސް ވަރުގަދަ ވެއްޖެ އެވެ.

މިފަހަރުގެ ކުރިމަތިލުންތައް ފެށިފައި މިވަނީ ދުވަސްކޮޅަކަށް ހަމަލާދިނުން ހުއްޓާލުމަށް މިސްރު މެދުވެރިވެގެން އެއްބަސްވުމެއް އެކުލަވާލެވިފައި ވަނިކޮށެވެ.

ދެފަރާތުންވެސް ހަމަލާތައް ހުއްޓާލުމުގެ ވިސްނުމެއް ނުގެންގުޅޭއިރު ހިސޯރު ކުރެވިފައިވާ ގާޒާގައި އެތައް ބަޔަކު ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ފަލަސްތީނުގެ ހަނގުރާމަވެރިން ރޮކެޓް ހަމަލާތައް އިޒްރޭލަށް ދެމުންގެންދާއިރު އިޒްރޭލުން ދަނީ ހިސޯރުކުރެވިފައިވާ ގާޒާއަށް ބޮން އަޅައި ވައިގެ ހަމަލާތައް ދެމުންނެވެ. މިހާތަނަށް އެ ހަމަލާތަކުގައި ފަލަސްތީނުގެ 32 މީހަކު ޝަހީދު ކޮށްލާފައިވާ ކަމަށްވެ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވީ ފަލަސްތީނުގެ ހަނގުރާމަވެރިންނާއި ވަރުގަދައަށް ކުރިމަތިލާނެ ކަމަށެވެ.

"މިއީ އަދި ނިމުނީކީ ނޫން،" ނަތަންޔާހޫ އިންޒާރު ދީފައިވެ އެވެ.

އދ އިން ވަނީ އާންމުން މަރުވަމުންދާތީ އެކަން ކުށްވެރިކޮށްފަ އެވެ. އަދި ހަމަލާތައް ވަގުތުން ހުއްޓަލުމަށާއި ދެފަރާތުންވެސް ދޫދިނުމަށް ގޮވާލާފައިވެ އެވެ.

މި ހަމަލާތަކާ ގުޅިގެން އދގެ ސަލާމަތީ މަޖިލީހުގެ 15 މެންބަރުންގެ ކުއްލި ސިއްރު ބައްދަލުވުމެއްވެސް ބާއްވާފައިވެ އެވެ.

އދ އިން އިތުރަށް ބުނެފައިވަނީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ގާނޫނުތަކަށް އިޒްރޭލުން ބޯލަނބަން ވާނެ ކަމަށެވެ. އެގޮތުން އެކަށީގެން ނުވާ ގޮތަށް ބާރުގެ ބޭނުން ނުކުރުމަށާއި އާންމު ތަންތަނާއި ފަރުދުން އަސްކަރީ ހަމަލާތަކުން ސަލާމަތް ކުރުމަށް ގޮވާލާފައިވެ އެވެ. ހަމައެހެންމެ ހަމައެއްލަމައެއްނެތި ފަލަސްތީނުގެ ހަނގުރާމަވެރިން ފޮނުވަމުންދާ ރޮކެޓް ހަމަލާތައް ވެސް ހުއްޓާލުމަށް ގޮވާލާފައިވެ އެވެ. އެފަދަ ހަމަލާތަކުން ދެ ގައުމުގެ އާންމު ރައްޔިތުން ނުރައްކަލަށް ވެއްޓެމުންދާ ކަމަށްވެސް އދ އިން ބުނެފައިވެ އެވެ.

މިހަފަހަރުގެ ހަމަލާތައް ފަށާފައި މިވަނީ އިސްލާމިކް ޖިހާދުގެ ތިން މިލިޓަރީ ކޮމާންޑަރަކު އިޒްރޭލުން ރާވައިގެން ޝަހީދުކޮށްލުމާ ގުޅިގެންނެވެ. އެ ޖަމާއަތުން ބުނާ ގޮތުގައި މިފަދަ ވަކިވަކި ފަރާތްތަކަށް ޓާގެޓްކުރުން ހުއްޓާލައިގެން މެނުވީ ހަމަލަތައް ހުއްޓާނުލާނެ ކަމަށެވެ.