ކޭ ޕާކް ރެސިޑެންސް

މަންޑޭ ހައްޔަރުކޮށްފި

ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޮންޑޮމީނިއަމް -- "ކޭ ޕާކް ރެޒިޑެންސް" ފްލެޓްތަކުގެ ރާއްޖޭގެ އެޖެންޓް -- ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ހައްޔަރުކޮށްފި އެވެ.

މަންޑޭ ހައްޔަރުކުރީ އޭނާ ފިލަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ.

މަމްދޫހު މިއަދު ހައްޔަރުކޮށްފައި މިވަނީ އޭނާގެ ޕާސްޕޯޓު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރެއް ކޮށްފައި ވަނިކޮށެވެ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން މަންޑޭ ހައްޔަރުކުރަން ފުލުހުން އަމުރެއް ހޯދީ ހިފަހައްޓާފައި އޮތް މަންޑޭގެ ޕާސްޕޯޓް ދޫކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކުރުމާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން އިއްޔެ އަމުރު ނެރުމާ އެކު ރާއްޖެއިން ފުރައިގެން ދިއުމަށް މަންޑޭ މަސައްކަތް ކުރި ކަމަށް އިތުބާރު ހުރި ބައެއް ފަރާތްތަކުން އަވަސް އަށް ޔަގީންކޮށްދީފައިވެ އެވެ. އެކަމަކު އޭނާ ފުރޭގޮތް ނުވި ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ. އަދި ފުލުހުން މިއަދު އޭނާ ހޯދަން ކުރި މަސައްކަތުން އޭނާ ފެނުނީވެސް އެތައް އިރެއް ފަހުން ކަމަށް އެނގިފައިވެ އެވެ.

ކްރިމިނަލް ކޯޓުން މަމްދޫހުގެ ޕާސްޕޯޓް ދޫކޮށްލުމަށް އިއްޔެ އަމުރުކުރީ ޒަރޫރީ ބޭނުމެއްގައި އޭނާ ރާއްޖެއިން ބޭރަށް ދާން ޖެހުމާ ގުޅިގެން ކުރީގެ އަމުރު މުރާޖައާ ކުރުމަށްފަހު 45 ދުވަސް ތެރޭގައި އެނބުރި ރާއްޖެ އައުމަށް ޝަރުތުކުރުމަށްފަހު އެވެ.

މަމްދޫހުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ "ކޭ ޕާކް ރެޒިޑެންސް" ފްލެޓްތަކުގެ މަޝްރޫއު ކުރިއަށް ގެންދާ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައި ހިއްސާދާރު އަދި ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ ފުލުހުންނަށް ހުށަހެޅީ މައްސަލަ ތަހުގީގުކުރާތީ މިދިޔަ މެއި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގަ އެވެ.

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޖިން ޝިހޫ އެވެ. މައިނޯރިޓީ ހިއްސާދާރަކީ މަމްދޫހު އެވެ. އެއީ ފަސް ޕަސެންޓް ހިއްސާ އެވެ.