ކޭ ޕާކް ރެސިޑެންސް

މަންޑޭއާއި ޖައިޝާންއަށް 200 އަށް ވުރެ ގިނަ ދައުވާކޮށްފި

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ "ކޭ ޕާކް ރެޒިޑެންސް" ފްލެޓްތަކެއް އޮޅުވާލައިގެން އެތައް ބަޔަކަށް ވިއްކި މައްސަލައިގައި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)އާއި އޭނާގެ ވިޔަފާރީގެ ބައިވެރިއެއް ކަމަށްވާ ރ. އަލިފުށި، ކިނާރާ، ޖައިޝާން ސައީދުގެ މައްޗަށް 200 އަށް ވުރެ ގިނަ ދައުވާ އުފުލައިފި އެވެ.

މި ދެ މީހުން މައްޗަށް އުފުލި ދައުވާތަކަކީ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި މަކަރާއި ހީލަތް ހެދުމުން 51 މީހުންނަށް ގެއްލުން ލިބިފައިވާތީ މިހާތަނަށް ކޮށްފައިވާ ދައުވާތަކެވެ. މިމައްސަަލައިގައި އަދިވެސް މި ދެ މީހުންގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލާނެ ކަމަށް ބެލެވެ އެވެ.

މަންޑޭއާއި ޖައިޝާންގެ މައްޗަށް ޖުމްލަ 202 ދައުވާ ކުރުމަށް ނިންމާ، އެ މައްސަލަތައް ކްރިމިނަލް ކޯޓަށް ހުށަހެޅީ އިއްޔެގެ ވަގުތެއްގައެވެ. މިދައުވާތަކާ ގުޅިގެން ގެއްލުން ލިބިފައިވާ މީހުންނަށް ގެއްލުމުގެ ބަދަލު ނަގައިދިނުމަށްވެސް އެދިފައިވެ އެވެ.

މަންޑޭ އާއި ޖައިޝާންއަށް ދައުވާ ކޮށްފައިނީ ކޭ-ޕާކް ރެޒިޑެންސްގެ ޖުމްލަ 23 އެޕާޓްމަންޓެއް 50 މީހުންނަށްވުރެ ގިނަ މީހުންނަށް ވިއްކާފައިވާތީ އެވެ. ދައުވާތަކުގައިވާ ގޮތުން ބައެއް އެޕާޓްމަންޓް ހަ މީހުންނަށްވެސް ވިއްކާފައި އެބަހުއްޓެވެ.

މަންޑޭއާއި ޖައިޝާންއަށް ކުރާ ދައުވާތައް

1
 

މަމްދޫހަށް ކުރާ ދައުވާ

  • އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާ
  • ޓެކުމުގެ ކުށުގެ 50 ދައުވާ
  • އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގެ 50 ދައުވާ
  • މަނީ ލޯންޑްރިންގެ ކުށުގެ 1 ދައުވާ
2
 

ޖައިޝާންއަށް ކުރާ ދައުވާ

  • މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާ
  • ޓެކުމުގެ ކުށުގެ 20 ދައުވާ
  • ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ 27 ދައުވާ
  • އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގެ 47 ދައުވާ
  • މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ 1 (އެކެއް) ދަޢުވާ

މި ދައުވާތަކުގެ ތެރެއިން މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާތައް ކޮށްފައިވަނީ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ 95 ޕަސަންޓް ހިއްސާދާރު -- ޖިން ޝިހޫގެ ހުއްދަ ނެތި އޭނާގެ ނަމުގައި ސައްހަ ނޫން ސޮއި ކޮށްފައިވާ ލިޔުންތަކެއް ބޭންކް އޮފް މޯލްޑިވްސްއަށް ހުށަހަޅާފައިވާތީ އެވެ.

ޓެކުމާއި، ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާތައް ކޮށްފައިވަނީ ކޭ-ޕާކް ރެޒިޑެންސްގެ ނަމުގައި ހުޅުމާލޭގައި 110 އެޕާޓްމަންޓް ހިމެނޭ ރެޒިޑެންޝަލް ކޮމްޕްލެކްސްއެއް އިމާރާތްކުރުމަށް ފަށައި، އާންމުކޮށް އިއުލާންކޮށްގެން އެތަނުން އެޕާޓްމަންޓްތައް ވިއްކިއިރު، އެއް އެޕާޓްމަންޓެއް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކާ، އެމީހުންގެ އަތުން ފައިސާ ނަގާފައިވާތީ އެވެ. އަދި އޮޅުވާލުމުގެ ދައުވާކޮށްފައިވަނީ އެއް އެޕާޓްމަންޓެއް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކިއިރު އެކަން އެޕާޓްމަންޓް ގަތް މީހުންނަށް އޮޅުވާލާފައިވާތީ އެވެ.


މަނީ ލޯންޑްރިން އާއި މަނީ ލޯންޑަކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާކޮށްފައިވަނީ ކޭ-ޕާކް ރެޒިޑެންސް އިން އެޕާޓްމަންޓް ގަތުމަށް ބޭނުންވާ މީހުންނާއި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކުރާ އެއްބަސްވުންތަކުގައި އެ އެއްބަސްވުންތަކުގެ ދަށުން ފައިސާ ދައްކާނީ ނަގުދު ފައިސާ އިން ނުވަތަ ހަންބޯ ކުންފުނީގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި ބޭންކް އެކައުންޓަށް ކަމަށް ބަޔާންކޮށް އެގޮތުން ލިބުނު ފައިސާ މަންޑޭ ބޭނުންކުރަމުން އައިސް، އެ އެކައުންޓްގައިވާ ފައިސާއިން ހުޅުމާލޭގައި އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ހަދާފައިވާ އެފްޑަބްލިއު ރެޒިޑެންސްގެ އެޕާޓްމަންޓެއް ގަނެފައިވާތީ އެވެ.

ޕީޖީ އޮފީހުން ބުނީ އަދި ކޭ ޕާކް އެޕާޓްމަންޓްތަކާ ގުޅިގެން އިތުރު ބައިތައް ދިވެހި ފުލުހުންގެ ހިދުމަތުން އަދިވެސް ތަހުގީގުކުރަމުންދާ ކަމަށެވެ. އެ ބައިތަކުގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ހުށަހެޅުމުން އެ ބައިތައް ދިރާސާކޮށް މި މައްސަލައިގައި އިތުރު ދައުވާތައް ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނީ ކޭ ޕާކް އެޕާޓްމަންޓްތަކުގެ މައްސަލަ ތަހުގީގުކުރީ ފުލުހުންގެ އިންވެސްޓިގޭޓަރުން އިސްވެ ތިބެ، ޕީޖީ އޮފީހުގެ އިކޮނޮމިކް އެންޑް ފައިނޭންޝަލް ކްރައިމް ޔުނިޓާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ފަންނީ ލަފައާއި އިރުޝާދު ލިބިގެން ކަމަށެވެ.

އޮޅުވާލައިގެން އެތައް ބަޔަކަށް އެޕާޓްމަންޓް ވިއްކުމަށްފަހު މަންޑޭއާއި އޭނާގެ އަންހެނުން އުޅެމުންދިޔަ އަގުބޮޑު ދިރިއުޅުން މިދިޔަ މަހުގެ ތެރޭގައި ޕީޖީ ހުސައިން ޝަމީމް ވަނީ ވަރަށް ތަފްސީލްކޮށް ކިޔައިދީފަ އެވެ.