ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

މަންޑޭގެ އަގުބޮޑު ދިރިއުޅުން ޕީޖީ ހާމަކުރައްވައިފި

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ "ކޭ ޕާކް ރެޒިޑެންސް" ފްލެޓްތަކެއް އޮޅުވާލައިގެން ވިއްކުމަށްފަހު ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) އާއި އޭނާގެ ހަގު އަނބި އުޅެމުންދިޔަ އަގުބޮޑު ދިރިއުޅުމުގެ މައުލޫމާތު ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ހާމަކުރައްވައިފި އެވެ.

ކޭ ޕާކް ފްލެޓްތައް އޮޅުވާލައިގެން އެތައް ބަޔަކަށް ވިއްކުމަށްފަހު ފިލައިގެން އުޅުނު މަމްދޫހަށް ތުހުމަތަށް ކުރެވޭ ޖިނާއީ ބޮޑެތި ކުށްތަކެއް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ. ކޯޓު އަމުރެއްގެ ދަށުން ދެ ދުވަސް ވަންދެން ފުލުހުން މަމްދޫހުގެ އެޕާޓްމަންޓް ބަލައި ފާސްކުރި އެވެ.

ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ޕީޖީ ވަނީ އޮޅުވާލައިގެން ފްލެޓް ވިއްކުމަށްފަހު މަމްދޫހު އުޅެމުން ދިޔަ އަގު ބޮޑު ދިރިއުޅުމާއި ހޯދާފައިވާ މުދަލުގެ ބައެއް މައުލޫމާތު ހިއްސާކުރައްވާފަ އެވެ.

ޕީޖީ ވިދާޅުވި ގޮތުގައި މަމްދޫހު ދިރިއުޅުމަށް ހުޅުމާލެ އިން ގަނެފައިވާ އެޕާޓްމަންޓްގެ އަގު އެކަނިވެސް އަށް މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އެޕާޓްމެންޓުން ހޯދުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށުގައި މިވަގުތު ހުރި މުދަލުގެ އަގު އެކަނިވެސް ހަތް މިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް ވިދާޅުވި އެވެ.

މަމްދޫހުގެ އެޕާޓްމަންޓުން ފެނުނު އަގުބޮޑު ތަކެތި

  • އެންމެ އަގު ބޮޑެތި ލަގްޒަރީ އަތް ދަބަސް (ދަބަހެއް 50،000 ޑޮލަރަށްވެސް ގަނެފައިވޭ)
  • އަގު ބޮޑު ގަހަނާ (15،000 ޑޮލަރަށް ގަނެފައިވާ ގަހަނާވެސް ހުރި)
  • އެންމެ އަގު ބޮޑު ސެންޓާއި ޕާފިއުމް (ނުކަނޑާ 200 ފުޅި ހުރި)

ފުލުހުންގެ ތަހުގީގަށް މަމްދޫހު ހައްޔަރުކުރި ނަމަވެސް ޕާސްޕޯޓް ހިފެހެއްޓުމަށްފަހު މިހާރު ވަނީ އޭނާ ދޫކޮށްލާފަ އެވެ.

މަމްދޫހުގެ ޕާސްޕޯޓު ހިފެހެއްޓީ "ކޭ ޕާކް ރެޒިޑެންސް" ފްލެޓްތަކުގެ މަޝްރޫއު ކުރިއަށް ގެންދާ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައި ހިއްސާދާރު އަދި ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ ފުލުހުންނަށް ހުށަހެޅީ މައްސަލަ ތަހުގީގުކުރާތީ މިދިޔަ މެއި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގަ އެވެ.

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޖިން ޝިހޫ އެވެ. މައިނޯރިޓީ ހިއްސާދާރަކީ މަމްދޫހު އެވެ. އެއީ ފަސް ޕަސެންޓް ހިއްސާ އެވެ.