ހަސަން މަމްދޫހު (މަންޑޭ)

މަންޑޭގެ މުދާ ހިފަހައްޓަން ނެރުނު އަމުރު ބާތިލެއް ނުކުރި

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ "ކޭ ޕާކް ރެޒިޑެންސް" ފްލެޓްތަކެއް އޮޅުވާލައިގެން ވިއްކުމަށްފަހު ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ހޯދާފައި ހުރި އަގު ބޮޑު މުދާތައް ހިފަހައްޓަން ނެރުނު އަމުރު ބާތިލްކުރަން މަންޑޭ ހުށަހެޅުމުން އެ އަމުރު ބާތިލްކުރެވެން ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މަންޑޭ ހުޅުމާލޭގައި ދިރިއުޅެމުން ދިޔަ އެޕާޓްމަންޓަށް ފުލުހުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވަދެ ބަލައި ފާސްކޮށް އެތަނުގައި ހުރި އެތައް މިލިއަން ރުފިޔާއެއްގެ އަގު ބޮޑު މުދާތައް ގެންދިޔައީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ހޯދައިގެންނެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ މަމްދޫހުގެ މުދާތަކެއް ހިފަހައްޓާފައިވަނީ މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން ފުލުހުންގެ ތަހުގީގުގެ ބޭނުމަކަށް ކަމަށްވާތީ އަމުރު ނެރުނީވެސް އެ ބޭނުމުގައި އެކަށީގެންވާ ސަބަބުތަކެއް ހުރެގެން ކަމަށެވެ. ދަށު ކޯޓުގައި މިފަދަ އަމުރުތައް މުރާޖައާ ކުރުމަށް އެދެވޭއިރު ދަށު ކޯޓުގައި މަމްދޫހު އެކަމަށް އެދިފައި ނުވާ ކަމަށް ހައިކޯޓުގެ ހުކުމްގައިވެ އެވެ. އެހެންވެ ހައިކޯޓަށް މިވަގުތު ދަށު ކޯޓުގެ އަމުރު ބާތިލް ކުރެވެން ނެތް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފަ އެވެ.

ހައިކޯޓުގައި މައްްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ރިޔާސަތުގައި އިންނަވައިގެންނެވެ. ބެންޗުގައި ހިމެނޭ އަނެއް ދެ ފަނޑިޔާރުންނަކީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހަސަން މަޒީދެވެ.

މަންޑޭއާ ދެކޮޅަށް ޖުމްލަ 104 ދައުވާ ކުރުމަށް ނިންމާ މިދިޔަ ޑިސެމްބަރު 12 ވަނަ ދުވަހު ޕީޖީ އޮފހުން ވަނީ ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފަ އެވެ.

މަންޑޭ އާއި އިތުރު މީހަކަށް ދައުކޮށްފައިވަނީ ކޭ-ޕާކް ރެޒިޑެންސްގެ ޖުމްލަ 23 އެޕާޓްމަންޓެއް 50 މީހުންނަށްވުރެ ގިނަ މީހުންނަށް ވިއްކާފައިވާތީ އެވެ. ދައުވާތަކުގައިވާ ގޮތުން އެއް އެޕާޓްމަންޓް ހަ މީހުންނަށްވެސް ވިއްކާފައި އެބަހުއްޓެވެ.