ހަސަން މަމްދޫހު (މަންޑޭ)

މަންޑޭގެ ޕާސްޕޯޓު ދޫކުރަން ކުރި އަމުރު ގާނޫނާ ހިލާފު: ހައިކޯޓް

ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޮންޑޮމީނިއަމް -- "ކޭ ޕާކް ރެޒިޑެންސް" ފްލެޓްތަކުގެ ރާއްޖޭގެ އެޖެންޓް -- ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ ޕާސްޕޯޓު ވަގުތީ ގޮތުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މަމްދޫހުގެ ޕާސްޕޯޓު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ ޖުލައި ހަތަރުވަނަ ދުވަހު އެވެ. ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގެ އެ އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުސައިން ޝަނީޒެވެ. ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު ހަސަން ޝަފީއު އެވެ.

ހައިކޯޓުން ކުރި ހުކުމްގައި ވަނީ އާއިލީ ޒިންމާއަށް މަމްދޫހުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރިއިރު އެނޫން ގޮތަކަށް އެކަން ކުރެވޭނެތޯ ބަލާފައި ނުވާ ކަމަށެވެ.

މަމްދޫހު ފިލާފާނެ ކަމަށް ބެލެވޭ ހެކި ހުރި ކަމަށް ހައިކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވެ އެވެ. ޕާސްޕޯޓް ދޫކޮށްލަން ޖެހޭނީ އެ ނޫން ގޮތެއް ނެތް ހާލަތްތަކުގައި ކަމަށްވެސް ހުކުމްގައިވެ އެވެ.

ޕާސްޕޯޓު ދޫކޮށްލި އަމުަރު ބާތިލުކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މަމްދޫހު ފިލަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ ޖުލައި ފަސްވަނަ ދުވަހު އެވެ. އޭގެ ފަހުން ދެ ފަހަރަށް ބަންދުގެ މުއްދަތުވެސް އިތުރުކުރި އެވެ.

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މަމްދޫހަށް ޝަރުތުތަކެއް ކުރުމަށްފަހު ދޫކޮށްލީ މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހު އެވެ.