ހަސަން މަމްދޫހު (މަންޑޭ)

އަގު ބޮޑު މުދާތައް ހޯދަން މަންޑޭ ހުށަހެޅި މައްސަލަ ބަލައިވެސް ނުގަތް

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ "ކޭ ޕާކް ރެޒިޑެންސް" ފްލެޓްތަކެއް އޮޅުވާލައިގެން ވިއްކުމަށްފަހު ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ހޯދާފައި ހުރި އަގު ބޮޑު މުދާތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާތީ އެ ތަކެތި އަނބުރާ ހޯދުމަށް ހައިކޯޓުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމައިފި އެވެ.

މަންޑޭ ހުޅުމާލޭގައި ދިރިއުޅެމުން ދިޔަ އެޕާޓްމަންޓަށް ފުލުހުން މިދިޔަ މަހުގެ ތެރޭގައި ވަދެ ބަލައި ފާސްކޮށް އެތަނުގައި ހުރި އެތައް މިލިއަން ރުފިޔާއެއްގެ އަގު ބޮޑު މުދާތައް ގެންދިޔައީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ހޯދައިގެންނެވެ.

މަންޑޭގެ ފަރާތުން މިދިޔަ މަހުގެ 24 ވަނަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަމުރު އިސްތިއުނާފްކޮށް، ފުލުހުންގެ ގެންދިޔަ މުދާތައް ހަވާލުކުރުމަށް އަމުރެއް ހޯދުމަށް ހުށަހެޅި މައްސަލަ ހައިކޯޓުގެ ރަޖިސްޓްރާ ވަނީ ބަލައިނުގަތުމަށް ނިންމާފަ އެވެ.

ރަޖިސްޓްރާ މިގޮތަށް ނިންމާފައިވަނީ ކޯޓުތަކުގެ ގާނޫނުގެ 43 ވަނަ މާއްދާއާ ހަވާލާދީ އެވެ. އެ މާއްދާ އަކީ ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް އިސްތިއުނާފުކުރެވޭނެ ހާލަތްތައް ބަޔާންކުރާ މާއްދާ އެވެ. އެގޮތުން މައްސަލަ އިސްތިއުނާފް ކުރެވޭ ދެ ހާލަތެއް އެ މާއްދާގައި ބަޔާންކޮށްފައިވެ އެެވެ.

އިސްތިއުނާފް ކުރެވޭނެ ކަމަށް ބުނާ ދެ ހާލަތް

  • (ހ) އިސްތިއުނާފުކުރަން ހުށަހަޅާ ހުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ގަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ގާނޫނު ތަތުބީގުކުރުމުގައި ނުވަތަ ގާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ގަބޫލުކުރެވޭނެ ކަންކަން ހުރުން.
  • (ށ) ހުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އަންނަނިވި ބާވަތްތަކުންކުރެ ބާވަތެއްގެ އައިބެއްގެ ސަބަބުން އެ ހުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުން.

ރަޖިސްޓްރާގެ ނިންމުމުގައި ބުނެފައިވަނީ މަންޑޭ އިސްތިއުނާފް ކުރި މައްސަލައިގައި އެ މައްސަލަ އިސްތިއުނާފް ކުރަންޖެހޭ ގާނޫނީ ސަބަބެއްއެއް ހުށަހަޅާފައި ނުވާ ކަމަށެވެ. ރަޖިސްޓްރާގެ ނިންމުމާ މެދު ހިތްހަމަނުޖެހޭނަމަ ރަޖިސްޓްރާގެ ނިންމުން ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރެވޭނެ އެވެ.

ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވަނީ މަންޑޭއާއި ދެކޮޅަށް ފުލުހުން ކުރިއަށް ގެންދާ ޖިނާއީ ތަހުގީގުގައި ފާހަގަކުރެވުނު ބައެއް މައުލޫމާތާއި އޮޅުވާލައިގެން ހޯދި ފައިސާ އިން މަންޑޭ ދިރިއުޅެމުން ދިޔަ އަގު ބޮޑު ދިރިއުޅުމާ ގުޅޭ މުހިއްމު މައުލޫމާތުތަކެއް މިދިޔަ މަހުގެ 30 ވަނަ ދުވަހު ހާމަކުރައްވާފަ އެވެ.

އެގޮތުން ޕީޖީ ޝަމީމް ވިދާޅުވި ގޮތުގައި މަންޑޭ ދިރިއުޅެމުން ދިޔަ ޕެންޓް ހައުސް އަކީ ވެސް 7.8 މިލިއަން ރުފިޔާއަށް ގަނެފައިވާ ތަނެކެވެ. މަންޑޭގެ އެޕާޓްމަންޓުން ފެނުނު އެހެން ތަކެތީގެ އަގުވެސް ހަތް މިލިއަން ރުފިޔާއަށް ވުރެ އިތުރެވެ.

މަމްދޫހުގެ އެޕާޓްމަންޓުން ފެނުނު އަގުބޮޑު ތަކެތި

  • އެންމެ އަގު ބޮޑެތި ލަގްޒަރީ އަތް ދަބަސް (ދަބަހެއް 50،000 ޑޮލަރަށްވެސް ގަނެފައިވޭ)
  • އަގު ބޮޑު ގަހަނާ (15،000 ޑޮލަރަށް ގަނެފައިވާ ގަހަނާވެސް ހުރި)
  • އެންމެ އަގު ބޮޑު ސެންޓާއި ޕާފިއުމް (ނުކަނޑާ 200 ފުޅި ހުރި)
  • ފުލުހުންގެ ތަހުގީގަށް މަމްދޫހު ހައްޔަރުކުރި ނަމަވެސް ޕާސްޕޯޓް ހިފެހެއްޓުމަށްފަހު މިހާރު ވަނީ އޭނާ ދޫކޮށްލާފަ އެވެ.

މަންޑޭއާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދާ ތަހުގީގު މުޅިން ނިމުން އޭނާގެ މައްޗަށް 200 އަށް ވުރެ ގިނަ ދައުވާ އުފުލާނެ ކަމަށްވެސް ޕީޖީ ވިދާޅުވެފައިވެ އެވެ.

ފުލުހުންގެ ތަހުގީގަށް މަމްދޫހު ހައްޔަރުކުރި ނަމަވެސް ޕާސްޕޯޓް ހިފެހެއްޓުމަށްފަހު މިހާރު ވަނީ އޭނާ ދޫކޮށްލާފަ އެވެ.

މަމްދޫހުގެ ޕާސްޕޯޓު ހިފެހެއްޓީ "ކޭ ޕާކް ރެޒިޑެންސް" ފްލެޓްތަކުގެ މަޝްރޫއު ކުރިއަށް ގެންދާ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައި ހިއްސާދާރު އަދި ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ ފުލުހުންނަށް ހުށަހެޅީ މައްސަލަ ތަހުގީގުކުރާތީ މިދިޔަ މެއި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގަ އެވެ.

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޖިން ޝިހޫ އެވެ. މައިނޯރިޓީ ހިއްސާދާރަކީ މަމްދޫހު އެވެ. އެއީ ފަސް ޕަސެންޓް ހިއްސާ އެވެ.