ކޭ ޕާކް ރެސިޑެންސް

މަންޑޭއާއި ޖައިޝާންގެ މައްޗަށް ކުރާ 202 ދައުވާގެ ޝަރީއަތް ފަށައިފި

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ "ކޭ ޕާކް ރެޒިޑެންސް" ފްލެޓްތަކެއް އޮޅުވާލައިގެން އެތައް ބަޔަކަށް ވިއްކި މައްސަލައިގައި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)އާއި އޭނާގެ ވިޔަފާރީގެ ބައިވެރިއެއް ކަމަށްވާ ރ. އަލިފުށި، ކިނާރާ، ޖައިޝާން ސައީދުގެ މައްޗަށް ކޮށްފައިވާ 202 ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށައިފި އެވެ.

މި މައްސަލައިގައި މަންޑޭގެ މައްޗަށް 104 ދައުވާއެއް ކޮށްފައިވާއިރު ޖައިޝާންގެ މައްޗަށް 98 ދައުވާ ކޮށްފައިވެ އެވެ.

މި ދެ މީހުން މައްޗަށް އުފުލި ދައުވާތަކަކީ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި މަކަރާއި ހީލަތް ހެދުމުން 51 މީހުންނަށް ގެއްލުން ލިބިފައިވާތީ މިހާތަނަށް ކޮށްފައިވާ ދައުވާތަކެވެ. މިދައުވާތަކާ ގުޅިގެން ގެއްލުން ލިބިފައިވާ މީހުންނަށް ގެއްލުމުގެ ބަދަލު ނަގައިދިނުމަށްވެސް އެދިފައިވެ އެވެ.

ދައުވާތަކުގައިވާ ގޮތުން އެއް އެޕާޓްމަންޓެއް ވަނީ އެކަކަށް ވުރެ ގިނަ މީހުންނަށް އޮޅުވާލައިގެން ވިއްކާފަ އެވެ. އެގޮތުން މަންޑޭއާއި ޖައިޝާންގެ މައްޗަށް ވަނީ 41 އެޕާޓްމަންޓެއް 107 މީހުންނަށް ވިއްކާފައިވާ ކަމުގެ ތުހުމަތު ކޮށްފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ވަނީ މަންޑޭގެ މައްޗަށް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާއާއި، ޓެކުމުގެ ކުށުގެ 50 ދައުވާއާއި، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާއާއި، މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެއް ކޮށްފަ އެވެ.

ޖައިޝާންގެ މައްޗަށް ވަނީ މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާއާއި، ޓެކުމުގެ ކުށުގެ 20 ދައުވާއާއި، ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ 27 ދައުވާއާއި، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 47 ދައުވާއާއި، މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެއް ކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ ބޭނުންވާ ލިޔެކިޔުންތައް ލިބިފައިވޭތޯ ސާފުކޮށް، ވަކީލެއް ބޭނުންވޭތޯ ސުވާލުކޮށްފަ އެވެ. އަދި މަންޑޭއައި ޖައިޝާން ވެސް ވަކީލަކު ބޭނުންވުމުން ކޯޓުން ވަނ ވަކީލަކު ހޯދުމަށް 10 ދުވަސް ދީފަ އެވެ.

ކޯޓުން ބުނީ 10 ދުވަސް ފަހުން ބާއްވާ ދެވަނަ އަޑުއެހުމުގައި ވަކީލަކު ހަމަޖެހިފައި ނުވިޔަސް މައްސަލަ ކުރިއަށް ގެންދާނެ ކަމަށެވެ.