ކޭ ޕާކް ރެސިޑެންސް

މަންޑޭގެ ބަންދަށް 15 ދުވަސް ޖަހައިފި

ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޮންޑޮމީނިއަމް -- "ކޭ ޕާކް ރެޒިޑެންސް" ފްލެޓްތަކުގެ ރާއްޖޭގެ އެޖެންޓް -- ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ފުލުހުން މަންޑޭ ހައްޔަރުކުރީ އޭނާ ފިލަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގެ ދަށުން އިއްޔެ އެވެ.

މަމްދޫހު ހައްޔަރުކޮށްފައި މިވަނީ އޭނާގެ ޕާސްޕޯޓު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު އަމުރެއް ކޮށްފައި ވަނިކޮށެވެ.

ޕާސްޕޯޓު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުމާ އެކު ރާއްޖެއިން ފުރައިގެން ދިއުމަށް މަންޑޭ މަސައްކަތް ކުރި ކަމަށް އިތުބާރު ހުރި ބައެއް ފަރާތްތަކުން އަވަސް އަށް ޔަގީންކޮށްދީފައިވެ އެވެ. އެކަމަކު އޭނާ ފުރޭ ގޮތް ނުވި ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ.

ކްރިމިނަލް ކޯޓުން މަމްދޫހުގެ ޕާސްޕޯޓް ދޫކޮށްލުމަށް އަމުރުކުރީ ޒަރޫރީ ބޭނުމެއްގައި އޭނާ ރާއްޖެއިން ބޭރަށް ދާން ޖެހުމާ ގުޅިގެން ކުރީގެ އަމުރު މުރާޖައާ ކުރުމަށްފަހު 45 ދުވަސް ތެރޭގައި އެނބުރި ރާއްޖެ އައުމަށް ޝަރުތުކުރުމަށްފަހު އެވެ.

މަމްދޫހުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ "ކޭ ޕާކް ރެޒިޑެންސް" ފްލެޓްތަކުގެ މަޝްރޫއު ކުރިއަށް ގެންދާ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައި ހިއްސާދާރު އަދި ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ ފުލުހުންނަށް ހުށަހެޅީ މައްސަލަ ތަހުގީގުކުރާތީ މިދިޔަ މެއި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގަ އެވެ.

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޖިން ޝިހޫ އެވެ. މައިނޯރިޓީ ހިއްސާދާރަކީ މަމްދޫހު އެވެ. އެއީ ފަސް ޕަސެންޓް ހިއްސާ އެވެ.