އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީގެ ބިލުތަކުގެ ޖޫރިމަނާ މައާފުކޮށްދެނީ

Jul 6, 2023
1

ކަސްޓަމަރުންނަށް ބިލުތައް އަދާކުރުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމުގެ ގޮތުން މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބިލުގެ ޖޫރިމަނާ މައާފުކުރުމުގެ އިތުރު ޕްރޮގްރާމެއް ފަށައިފި އެވެ.

އެމްޑަބްލިއުއެސްސީން ބުނި ގޮތުގައި މި ޕްރޮގްރާމް ކުރިއަށްދާނީ މި އަހަރުގެ ނިޔަލަށެވެ.

މި ޕްރޮގްރާމުގެ ދަށުން ޖޫރިމަނާ މައާފުކޮށްދެވޭނީ ފެން ބިލަށް ނުވަތަ ބިލުތަކަށް ދައްކަންޖެހޭ ޖުމްލަ ފައިސާ އެއްފަހަރާ ދައްކާ ހަލާސްކުރުމަށްފަހު ޖޫރިމަނާ މައާފުކޮށްދިނުމަށް އެދި އެކަން ލިޔުމަކުން ނުވަތަ އީމެއިލްއަކުން ހުށަހެޅުމުންނެވެ.

އެމްޑަބްލިއުއެސްސީން ބުނީ މި ޕްރޮގްރާމްގެ އިތުރު މައުލޫމާތު ކުންފުނީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ނަންބަރު 105 އަށް ގުޅުމުން ނުވަތަ 1050 އަށް އެސްއެމްއެސް ކުރުމުން ނުވަތަ [email protected] އަށް މެއިލްކުރުމުން ލިބޭނެ ކަމަށެވެ.

އެ ކުންފުނިން ވަނީ މި ފުރުސަތުގެ ބޭނުން ހިފާ ފާއިތުވި މަސްތަކުގެ ފެން ބިލްތަކަށް ދައްކަންޖެހޭ ފައިސާ ދައްކާ ހަލާސް ކުރުމަށް ކަސްޓަމަރުންގެ ކިބައިން އެދިފަ އެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ އެ ކުންފުނީގެ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ހުރިހާ ކަސްޓަމަރުންވެސް ފެން ބިލަށް މަހުން މަހަށް ފައިސާ ދެއްކުމަކީ ކުންފުނީގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި ކަސްޓަމަރުން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.

ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގައި ކަސްޓަމަރުންނާއި ވީހާވެސް ގާތުން ލުއި ފަސޭހަ ހިދުމަތްތަކެއް ދިނުމަކީ އަބަދުވެސް ކުންފުނީގެ އަމާޒުކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފަ އެވެ.