ހަބަރު

ގާޒީ ހައްޔަރުކުރުން ކުށްވެރިކުރަން: އެމްޑީޕީ

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރުމަށް ކޯޓު އަމުރު ނެރުނު ގާޒީ ހައްޔަރުކުރި މައްސަލަ އެމްޑީޕީއިން ކުށްވެރިކޮށްފި އެވެ. ފޭކް ކޯޓު އަމުރުގެ މައްސަލާގައި ހައްޔަރުކުރީ އދ. މާމިގިލީ ކޯޓްގެ ގާޒީ، ގއ މާމެންދޫ ވީނަސް، އަހުމަދު ނިހާން، 30، އެވެ. އޭނާގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހާފަ އެވެ.

އެމްޑީޕީއިން މިއަދު ނެރުނު ބަޔާނުގައިވާ ގޮތުން، ރާއްޖޭގެ ތާރީހުގައި ވެސް ކޯޓަކުން ވަކި މައްސަލައެއް ނިންމެވި ގޮތެއްގެ ސަބަބުން ފަނޑިޔާރަކު ހައްޔަރުކުރި ކުރުމެއްކަން ސަރުކާރުން ފާޅުގައި ވިދާޅުވެ ފަނޑިޔާރަކު ހައްޔަރުކުރި ފުރަތަމަ ފަހަރުކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ނިހާން ހައްޔަރުކޮށްފައިވަނީ ރައީސް ޔާމިން ގެ މައްޗަށް ހިޔާނާތާއި ވައްކަމުގެ ކުށަށް ތުހުމަތުކުރައްވައި ރައީސް ޔާމިން ހައްޔަރުކުރުމަށް އެ ކޯޓުން ނިންމެވި ނިންމެވުމެއްގެ ސަބަބުންކަމާއި އަދި އެނޫން ސަބަބެއް އޮވެގެން ނޫންކަމަށް ސީދާ ރައީސް ޔާމިން ގެ އަމިއްލަފުޅު އިއުތިރާފުން އެނގޭ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

"ރައީސް އަބްދުﷲ ޔާމިން ހައްޔަރުކުރަން ޖެހޭކަމަށް އެ ކޯޓުން ނިންމަވައި ނެރުއްވި ކޯޓު އަމުރު ސައްހަ ނޫންކަމަށް ކަނޑައަޅުއްވާފައިވަނީ އެއަށްވުރެ މަތީ ކޯޓެއްގައި އިސްތިއުނާފުކުރެއްވުމެއް ނެތިކަމާއި، އޭގެ ބަދަލުގައި އެކަން ކަނޑައަޅުއްވާފައިވަނީ ރައީސް އަބްދުﷲ ޔާމިންގެ އަމުރުފުޅަށް ފުލުހުންގެ މުއައްސަސާއިންކަން އެނގެއެވެ. މިއީ، ރައީސް އަބްދުﷲ ޔާމިން ކޯޓު ތަކުގެ ނިންމެވުންތަކަށް އިހްތިރާމްކުރައްވާނެކަމަށް ވިދާޅުވާ ވިދާޅުވުމާ ތައާރަޒުވާކަމެކެވެ." އެމްޑީޕީއިން ބުނެފައިވެ އެވެ.

އެމްޑީޕީއިން ބުނީ، ރައީސް ޔާމިން ހައްޔަރުކުރުމަށް ކޯޓުން އަމުރެއް ނެރުއްވައިފިނަމަ އެ އަމުރަކީ “ވަގަށް ނެރޭ” އަމުރެއްގެ ގޮތުގައި ސިފަކުރައްވައި، އެހެން ސިޔާސީ ލީޑަރުންނާއި ރައްޔިތުން ކަނޑައެޅިގެން އިންސާފުން ބޭރުން ހައްޔަރުކުރުމަށް ނެރުއްވަމުންގެންދާ ކޯޓު އަމުރުތަކަކީ “ވަގަށް ނެރޭ” އަމުރުތަކަކަށް ނުވާންޖެހޭ ސަބަބެއް އޮތްކަމަކަށް ނުދެކޭ ކަމަށެވެ.

"އެމްއެމްޕީއާރްސީގެ 1.22 ބިލިޔަން ރުފިޔާގެ ބޮޑު ހިޔާނާތާއި ވައްކަމުގެ މައްސަލާގައި ރައީސް އަބްދުﷲ ޔާމިނުގެ މައްޗަށް ތުހުމަތު ކުރެވޭއިރު، އަދި ރާއްޖޭގައި ވަގު ވިޔަފާރިއާއި، ކަޅުފައިސާ ދޮވުމުގެ ޖަރީމާތަކާއި، ސިހުރު ހެއްދެވުމުގައި އެމަނިކުފާނު ޝާމިލުވެވަޑައިގެންފައިވާ މިންވަރާ ގުޅޭ މައްސަލަތަކާއި ރާއްޖޭގެ ގާނޫނު އަސާސީއާއި ބައިނަލްއަގުވާމީ ގާނޫނުތައް މުގުރާލައްވަމުންދާ މައްސަލަތައް ތަހުގީގުކުރެއްވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ރައީސް އަބްދުﷲ ޔާމިން ކަމުގައި ވާނަމަ، ސަލާމަތީ ހިދުމަތްތަކުން ރައީސް އަބްދުﷲ ޔާމިން ހައްޔަރުކުރައްވައިގެން އެ މައްސަލަތައް ތަހުގީގުގުރެއްވުމަކީ މިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން މުހިއްމު ކަމެއްކަމުގައި މި ޕާޓީން ދެކެމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.