ފިނިޕޭޖް

ޓޭލާ ސްވިފްޓްގެ ގޭގެ ބޭރުން އަންހެނަކު ހައްޔަރުކޮށްފި

ލަވަ ކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ ރޯޑް އައިލެންޑްގައި ހުންނަ ގޭގެ ގޭޓުގެ ބޭރުން އަންހެނަކު ހައްޔަރުކޮށްފި އެވެ.

ވެސްޓާލީ ޕޮލިސްގެ ޗީފް ބުނި ގޮތުގައި އޭނާ ހައްޔަރުކުރީ ހުއްދަނެތި އެތަނަށް ވަނުމުން ކަމަށާއި މި އަންހެން މީހާ އަކީ މީގެ ކުރިންވެސް އެތަނަށް ގާތްނުވުމަށް އަންގާފައިވާ އަންހެނެކެވެ.

ހައްޔަރުކޮށްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މާދަމާގެ ވަގުތެއްގައި އޭނާ ކޯޓަށް ހާޒިރުކުރާނެ އެވެ.

އަންހެން މީހާ ހައްޔަރުކުރީ ޓޭލާގެ ގެއެއްގެ ކައިރން ކަމަކަށް ފުލުހުން ނުބުނެ އެެވެ. ނަމަވެސް، އެ ގޭގެ މެއިލިން އެޑްރެސްއަކީ ޓޭލާގެ މެނޭޖްމަންޓް ކުންފުނީގެ މެއިލިން އެޑްރެސް އެވެ.

މީގެ ކުރިން ލޫކަސް ވޯސްޓަވެލްޑް ކިޔާ މީހަކުވެސް މޫދުގައި ފަތާފައި ޓޭލާގެ ގޭދޮށަށް ދިއުމުން ސެކިއުރިޓީން ދުރުކޮށްފައިވެ އެވެ.

މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހު، 36 އަހަރުގެ މިޗެލް ޓޭބެލް ވެސް ޓޭލާ އާއި ޓޭލާގެ މެނޭޖްމަންޓް ޓީމްއަށް ފާރަލާ، ފުރައްސާރުކޮށް، ބިރުދައްކާ އަދި އިންވޭޝަން އޮފް ޕްރައިވެސީގެ ތުހުމަތުތަކުގައި ލާޕޯޓް ކައުންޓީން ހައްޔަރުކޮށްފައިވެ އެވެ. މިޗެލް ވަނީ މިދިޔަ މާޗް މަހާއި މޭ މަހުގެ ދެމެދު ޓޭލާ އާއި ޓޭލާގެ މެނޭޖްމަންޓް ޓީމަށް ބިރުދެއްކުމުގެ މެސެޖްތައް ވެސް ފޮނުވާފަ އެވެ.

އަދި މިދިޔަ މާޗް މަހުގައި އިންސްތަގްރާމް މެދުވެރިކޮށް އޭނާ "ސޯލް މޭޓާއެކު އެއް ނުވެވެންޔާ އުފަލާއެކު ބޮމެއް އަޅާނަން" ބުނެ ވޮއިސް މެސެޖެއް ފޮނުވާފައިވެ އެވެ. އަދި މިދިޔަ މެއި ފަސްވަނަ ދުވަހު ޓޭލާގެ ނޭޝްވިލްގައި ހުންނަ ގޭ ދޮށަށް ދިއުމުން ސެކިއުރިޓީން އޭނާ ދުރުކޮށްފައިވެ އެވެ.

މީގެ އިތުރުން ޑޭވިޑް ލިޑެލް، ފްރޭންކް އެންޑްރޫ ހޫވާ، މުހައްމަދު ޖައްފާރު، ރިޗަޑް ޖޭ. މެކްއެވަން، ރޮޖާ އެލްވަރާޑޯ، ޖޯޝުއާ ކްރިސްޓިއަން، އޭރިކް ސްވޯބްރިކް އަކީ ޓޭލާ އަށް ފުރައްސާރުކޮށް، ފާރަލާ، ގެއަށް ވަދެގަނެފައިވާ ފޭނުންގެ ތެރެއިން ހައްޔަރުކޮށްފައިވާ ބައެއް މީހުންނެވެ.

މިފަދަ ނުރައްކާތެރި ހާދިސާތަކަކީ ސެލެބްރިޓީނަށް ގިނައިން ކުރިމަތިވާ ހާދިސާތަކެވެ. އަދި އާންމުކޮށް މިފަދަ ފޭނުންނަކީ ނަފްސާނީ މައްސަލަތައް ހުންނަ މީހުންނެވެ. މިފަދަ ކަންކަން ކުރިމަތިވެފައިވާ ސެލެބްރިޓީންގެ ތެރޭގައި ރިއާނާ، ޖެނިފާ ލޯރެންސް، ގްވިނިތް ޕާލްޓްރޯ، ސެލީނާ ގޮމޭޒް، މައިލީ ސައިރަސް، ޖެނިފާ އެނިސްޓަން، ޖެނިފާ ލޮޕޭޒް، މެޑޯނާ، ކީރާ ނައިޓްލީ، ކެތަރިން ޒީޓާ ޖޯންސް، ކެންޑަލް ޖެނާ، ޖަސްޓިން ބީބާ، ޖޯޑީ ފޯސްޓާ، ސެންޑްރާ ބުލޮކް ފަދަ އެތައް ސެލެބްރިޓީންނެއް ހިމެނެ އެވެ.

މެސެޖާއި ތަކެތި ފޮނުވާ، ގެއަށް ވަދެގަތުމަށް ނުވަތަ ވަންނަން މަސައްކަތްކުރުމުގެ އިތުރުން، ބައެއް ސެލެބްރިޓީންގެ ފުރާނަވެސް ވަނީ މިފަދަ ނުރައްކާތެރި ފޭނުންގެ އަތުން ގެއްލިފަ އެވެ. މީގެ ތެރޭގައި ޖޯން ލެނަން، ޓޫޕެކް ޝަކޫރް، ރެބެކާ ޝޭފާ، ޖިއަނީ ވަސާޗޭ، ޑައިމްބޯލް ޑެރެލް އަދި ކްރިސްޓީނާ ގްރިމީ ހިމެނެ އެވެ.