ޕީޕީއެމް

ވ. އަތޮޅުގެ ބޮޑު މަޝްރޫއު ހިންގަނީ ފޮއްތެޔޮފަޅުގައި، އެއީ ބޮޑު ޖަރީމާއެއް: އިދިކޮޅު

ވ. އަތޮޅުގައި މި ސަރުކާރުން ފަށަން އުޅޭ ކަމަށް ބުނާ ޓޫރިޒަމްގެ ބޮޑު މަޝްރޫއަކީ ވ. ފޮއްތެޔޮފަޅު ނުއަގުގައި ގާނޫނާއި ހިލާފަށް ވިއްކާލައިގެން ހިންގަން އުޅޭ މަޝްރޫއެއް ކަމަށް އިދިކޮޅު ޕީޕީއެމުން ތުހުމަތުކޮށްފި އެވެ.

ޕީޕީއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ އެންމެ ބޮޑު އަދި ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު ފަޅު ކަމަށްވާ، ވ. ފޮއްތެޔޮފަޅު ޤާނޫނާއި ހިލާފަށް ނުއަގުގައި ސަރުކާރުން ވިއްކާލަން ނިންމާފައިވާ ކަމުގެ މައުލޫމާތު އެ ކޯލިޝަނަށް ލިބިފައިވާ ކަމަށެވެ.

ރާއްޖޭގެ އަގުހުރި ދިވެހީންގެ މުދާ ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް ނުއަގުގައި ވިއްކާ ހުސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ޕީޕީއެމުން ވަނީ ބުނެފަ އެވެ.

"ގާނޫނާއި ހިލާފު ކޮރަޕްޝަންގެ ބޮޑު މިއަމަލު މިހާރުން މިހާރަށް ހުއްޓާލުމަށް ސަރުކާރަށް ގޮވާލަން،" ޕީޕީއެމުން ބުނެފައިވެ އެވެ.

ޕީޕީއެމުން ވަނީ މި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލާ ފިޔަވަޅު އެޅުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ގޮވާލާފަ އެވެ.

ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ހެދޭ އެއްބަސްވުންތައް ބާތިލުކޮށް އެފަދަ ތަންތަން ދޫކޮށްފައިވާ މީހުންގެ އަތުން އެތަންތަން ޕީޕީއެމްގެ ވެރިކަމެއްގައި އަތުލާނެ ކަމަށާއި ގާނޫނާއި ހިލާފަށް ނުއަގުގައި ދޫކުރެވޭ ތަންތަން ހަވާލުނުވެ އެފަދަ އެއްބަސްވުންތަކާއި ދުރުވުމަށްވެސް އެ ކޯލިޝަނުން ވަނީ ގޮވާލާފަ އެވެ.

ޕީޕީއެމުން މި ތުހުމަތުތައްކޮށްފައިވާއިރު ރާއްޖޭގައި ދެން ފަށާ ޓޫރިޒަމްގެ އެންމެ ބޮޑު މަޝްރޫއު ފަށާނީ ވ. އަތޮޅުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއުލާނު ކުރެއްވީ އިއްޔެ އެވެ.

އެ މަޝްރޫއުގެ ތަފުސީލު ނުދެއްވި ނަމަވެސް ރައީސް ސޯލިހު ވަނީ މަޝްރޫއުގެ ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވާ ކަމަށާއި މިއަދު އޮންނަ އިކޮނޮމިކް ކައުންސިލްގައި މަޝްރޫއުގެ ބައެއް ކަންކަން ނިމިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.