މިނިވަން މުއާއްސަސާތަކަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް މިހާރު ނޯންނާނެ ކަމަށާއި އެ މުއައްސަސާތަކަށް ލިބފައިވާ ގާނޫނީ ބާރު ބޭނުންކުރުމުގެ ފުރިހަމަ އިހްތިޔާރު އޮންނާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދް ސޯލިހު ވިދާޅުވެއްޖެ އެވެ.
ހއ. ކެލާއަށް މިއަދު ވަޑައިގެން ރައީސް ވިދާޅުވީ މިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާ މަސައްކަތްކުރަނީ އެ އިދާރާތަކަށް ލިބިފައިވާ ގާނޫނީ ބާރުތަކުގެ ތެރޭގައި ކަމަށާއި އެއްވެސް ގޮތަކަށް ސަރުކާރުގެ ނުފޫޒެއް ނޯންނާނެ ކަމަށެވެ.
"އެކަން އޮންނަންޖެހޭނީވެސް އެގޮތަށް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ބައެއް ފަރާތްތަކުން މިނިވަން މުއައްސަސާތަކުގެ ކަންކަމުގައި ސަރުކާރުގެ އެހީ ހޯދުމަށް އެދޭ ކަމަށާއި ނަމަވެސް އެއީ ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރާ ގޮތް ނޫން ކަމަށެވެ. އަދި އެފަދަ ހުރިހާ މުއައްސަސާތަކެއްވެސް މިހާރު ހިނގަމުންދާނީ ގާނޫނީ އިމުގެ ތެރެއިން މިނިވަންކަމާ އެކު ކަމަށްވެސް ވިދާޅުވި އެވެ.
"އެއިން ކޮންމެ މުއައްސަސާއަކުން ކަންތައް ކުރަމުން އެގެންދަނީ އެ ބޭފުޅުންނަށް ގާނޫނީ ގޮތުން ލިބިފައި އޮތް ބާރުގެ ތެރޭގައި. އެއަކަށް ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ،" ރައީސް ވިދާޅުވި އެވެ.
ކެލާގެ ތަރައްގީއާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ ކެލާގައި އޮތް އިގްތިސޯދީ ފުރުސަތުތައް މިހާތަނަށް ތަރައްގީ ނުވެ އޮތީ ސަރުކާރަކުން ކުރަންޖެހޭ ކަންތައްތައް ނުކުރުމުން ކަމަށެވެ. އެކަމަކު މިހާރު އެރަށުގައި ގިނަ މަޝްރޫއުތަކެއް ފެށިގެން ކުރިއަށްދާ ކަމަށާއި އެ މަޝްރޫއުތައް އެކުގައި ނިމުމުން އިގްތިސޯދީ ގޮތުން ރަށުގެ ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ލިބެމުންދާނެ ކަމުގައިވެސް ވިދާޅުވި އެވެ. އެގޮތުން ކެލާގައި ފަތުރުވެރިކަމަށް ބިން ހުސްކޮށް އެރަށު ކައުންސިލާ މިހާރު ހަވާލުކޮށްފައިވާތީ އެ ބިން ކުއްޔަށް ދީގެން ކައުންސިލް މެދުވެރިކޮށް ރައްޔިތުންނަށް އާމްދަނީ ލިބޭނެ ކަމުގައި ވިދާޅުވި އެވެ.
"މިރަށުގައި އެކަންތައްތައް ކުރެވިގެންދާއިރުގައި ރަށުގައި އިތުރު ވަޒީފާތައް އުފެދި، ކިތަންމެ ކުރިއެރުމެއް ލިބިގެންދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކެލާގެ ބަނދަރު މަޝްރޫއުގެ ދެވަނަ ފިޔަވަހި ނިމިފައިވާއިރު ކުރިއަށް އޮތް ދައުރުގައި ބަނދަރުގެ ބޭރު ތޮށި އުސްކޮށް އިތުރަށް ރައްޔިތުންނަށް ފަސޭހަކޮށްދޭނެ ކަމަށެވެ. މީގެ އިތުރުން މަސްމާރުކޭޓުގެ އިމާރާތެއް އެޅި ރަށުގައި އޭޓީއެމްގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސާނެ ކަމުގައި ވިދާޅުވި އެވެ.
ކެލާގައި މިހާރު ހިނގަމުންދާ މަޝްްރޫއުތަކުގެ ތެރޭގައި ޝޭހް އިމްރާން ސްކޫލުގެ ހޯލް މަސައްކަތާއި ފެނުގެ ނިޒާމް ގާއިމުކުރުމުގެ އިތުރުން ސިއްހީ މަރުކަޒުގެ މަސައްކަތާއި ދަނޑުވެރިންގެ މާރުކޭޓްގެ މަސައްކަތް ހިމެނެ އެވެ. އަދި އެރަށުގެ ފުޓުބޯޅަ ދަނޑާއި ޕޮލިސް ސްޓޭޝަނާއި ސްކޫލުގެ ތިންބުރި އިމާރާތް މިވަގުތު ވަނީ ކޮންޓްރެކްޓް މަރުހަލާގައި ކަމަށް ރައީސް ވިދާޅުވި އެވެ.
ކުރިއަށް އޮތް ދައުރެއްގައި އެ ރަށުގައި މަލްޓި ޕާޕަސް ސްޕޯޓްސް ސެންޓަރެއް އަޅައިދީ ލެވެލް ހަތަރެއްގެ ހެލްތް ސެންޓަރެއް ކެލާގައި ގާއިމުކުރައްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. މީގެއިތުރުން ރަށުގެ ފަތުރުވެރިކަން އިތުރަށް ތަރައްގީ ކުރުމަށް ޕެސެންޖާ ލައިނުތަކާއި ޔޮޓުތައް ރަށަށް ކައިރިކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ހަމަޖައްސައިދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ކެލާ ރައްޔިތުންގެ ކިބައިން ރައީސް ސޯލިހް އެދިވަޑައިގަތީ އަންނަ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ވިސްނުމެއްނެތި ވޯޓު ނުލެއްވުމަށެވެ.