ރިޔާސީ އިންތިހާބު 2023

އިންތިހާބުގައި ނިކުންނަ ނަތީޖާއަކުން ތަރައްގީ ހުއްޓިދާނެ: ރައީސް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ނިކުންނަ ނަތީޖާއަކާ ގުޅިގެން ރާއްޖެއަށް މިހާރު ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް ހުއްޓިގެން ހިނގައިދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދް ސޯލިހު ވިދާޅުވެއްޖެ އެވެ.

ކެމްޕޭން ދަތުރުފުޅެއްގައި މިއަދު ހއ. ތަކަންދޫއަށް ވަޑައިގެން ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް އަދިވެސް ރޭވިފައި އެބަހުރި ކަމަށެވެ. ނަމަވެސް ސެޕްޓެމްބަރު ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ނިކުންނަ ނަތީޖާއަކާ ކުރިއަށް ރޭވިފައި ހުރި އަދި މިހާރު ހިނގަމުންދާ މަޝްރޫއު ހުއްޓިދާނެ ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަދު ރައްޔިތުންނަށް ހޯދައިދީފައިވާ އުފާވެރި އަމާން ރާއްޖެ ބީވެގެން ދިއުން ހުއްޓުވަންޖެހޭ ކަމަށެވެ. އެހެންވެ އިންތިހާބުގައި ވީހާވެސް ގިނަ ރައްޔިތުން ނިކުމެ ވޯޓު ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

"އެކަން އަޅުގަނޑުމެން އަތުން ބީވެގެން ހިނގައްޖެނަމަ އަޅުގަނޑުމެން ފަށާފައި މިވާ މަސައްކަތް ހުއްޓުމަކަށް އަންނާނެ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ރަށްތަކުގައި އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން ތަކަންދޫގައިވެސް މަޝްރޫއުތަކެއް ހިންގާފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން ފެނާއި ނަރުދަމާގެ މަޝްރޫއާއި، އިންޖީނުގެ އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތާއި، ޒަމާނީ ފެންވަރުގެ ވޮލީކޯޓެއް އެޅުން ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ އުތުރުގެ ރަށްތައް މިހާރު އާރްޓީއެލްގެ ނިޒާމުން ގުޅާލާފައިވާއިރު ދަތުރުފަތުރުގެ ފަސޭހަކަންވެސް ތަކަންދޫ ރައްޔިތުންނަށް މިހާރު ލިބޭނެ ކަމުގައި ވިދާޅުވި އެވެ.

"އެގޮތުން މިރަށުގެ އަސާސީ ހިދުމަތްތައް ފުރިހަމަ ކުރުމަށްޓަކައި ފެށިފައި ހުރި މަސައްކަތްތައް މިހާރު އެދަނީ ނިމެމުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ތަކަންދޫގެ ތަރައްގީއަށް ކުރިއަށް ވެސް މަޝްރޫއުތަކެއް ޕްލޭން ކުރެވިފައިވާ ކަމަށެވެ. އެގޮތުން އެރަށު ނެރުގެ ފައިކަށި ބަދަލުކުރުމުގެ މަސައްކަތް މިހާރު އެމްޓީސީސީއާ ހަވާލުކުރެވިފައިވާ ކަމަށާއި އެ މަސައްކަތުގެ ތެރެއިން ތަކަންދޫ ރައްޔިތުން އެދޭ ގޮތަށް ބަނދަރު ބޮޑުކޮށްދިނުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމުގައި ވިދާޅުވި އެވެ. މީގެ އިތުރުން ތަކަންދޫގައި އިޖުތިމާއީ މަރުކަޒެއް އެޅުމަށްޓަކައި ކޮންސެޕްޓް މިހާރު ފުރިހަމަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހު މިހާތަނަށް ވަނީ ވ. އަތޮޅާއި މ. އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންފަ އެވެ. އަދި ށ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްތަކަށްވެސް ވަޑައިގެންފައި ވެއެވެ.