ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރަނިންމޭޓަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ނެތް ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ރައީސް އަހްމަދު ސިޔާމު މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެމްޑީއޭ އަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއާ އެކު ރިޔާސީ ދެވަނަ ދައުރަކަށް ކޯލިޝަން ހަދާފައިވާ ޕާޓީ އެެވެ. ރައީސް ސޯލިހްގެ ރަނިންމޭޓަކަށް ވެވަޑައިގަތުމަށް އެމްޑީޕީގެ ބޭފުޅުން ފަދައިން އެމްޑީއޭ އާއި ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށްވެސް ފުރުސަތު އޮތް ކަމަށް ރައީސް ސޯލިހް ކުރިން ވިދާޅުވެފައިވެ އެވެ.
ރައީސްގެ ރަނިންމޭޓް ކަމާ ގުޅޭގޮތުން ސިޔާމު ވާހަކަ ދެއްކެވީ ސިންގަޕޫރުގައި ހުންނެވުމަށްފަހު މިރޭ ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
"އަޅުގަނޑު ހަމަ އެއްގޮތަކަށްވެސް ރަނިންމޭޓަކަށް ވުމުގެ ޝައުގުވެރިކަމެއް ނެތް. އެހެންނަމަވެސް އެކަން މަޖުބޫރުވާ ހާލަތެއްގައި ނުކުރާނެ ވާހަކައެއް ނޫން މިބުނީ،" ސިޔާމު ވިދާޅުވި އެވެ.
ސިޔާމު ވިދާޅުވީ އޭނާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކަށް ނުވާތީ ސިޔާސީ ގޮތުން މިވަގުތު ވާދަވެރިއެއް ނެތް ކަމަށެވެ. އެމްޑީއޭ އަކީ ރައީސް ސޯލިހާ އެކު ކޯލިޝަންގައި އޮތް ޕާޓީއެއް ކަމަށް ފާހަގަކުރައްވާ ސިޔާމު ވިދާޅުވީ އެއީ ރިޔާސީ އިންތިހާބުގައި އޮތް އެންމެ ބޮޑު ކޯލިޝަން ކަމަށާއި އެހެން ޕާޓީތައް އެއްކޮށްލުމުންވެސް އެ ކޯލިޝަންގެ އަދަދާ ހަަމަނުވާ ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ހަމަ އިރާދަކުރެއްވިއްޔާ ﷲގެ ރަހްމަތްފުޅާއި ވާގިފުޅުން އަޅުގަނޑުމެން މިކުރާ މަސައްކަތުން ހަމަ އެއްބުރުން އަޅުގަނޑުމެންގެ ރިޔާސީ ކޯލިޝަންގެ ކެންޑިޑޭޓް ހޮވިގެންދާނެ. އަޅުގަނޑުގެ އެއްވެސް ޝައްކެއް ނެތް،" ސިޔާމު ވިދާޅުވި އެވެ.
ރައީސް ސޯލިހް ރިޔާސީ ކެމްޕޭން ފޯރިއާ އެކު ފައްޓަވާފައިވާއިރު ރަނިންމޭޓެއް އެމަނިކުފާނު އަދި ކަނޑައަޅާފައެއް ނުވެ އެވެ. ރަނިންމޭޓުންގެ ލިސްޓަށް ގިނަ ނަންތަކެއް ލިބޭތީ ރަނިންމޭޓަކު ކަނޑައެޅުން ވަރަށް އުދަނގޫ މައްސަލައަކަށް ވެފައިވާ ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ.