ހަސަން މަމްދޫހު (މަންޑޭ)

މަންޑޭގެ ބަންދަށް އިތުރު 10 ދުވަސް

ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޮންޑޮމީނިއަމް -- "ކޭ ޕާކް ރެޒިޑެންސް" ފްލެޓްތަކުގެ ރާއްޖޭގެ އެޖެންޓް -- ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ފުލުހުން މަންޑޭ ހައްޔަރުކުރީ އޭނާ ފިލަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގެ ދަށުން މިމަހުގެ ފަސްވަނަ ދުވަހު އެވެ.

މަންޑޭ ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިމަހުގެ ހަވަނަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެންމެ ފުރަތަމަ ދިނީ 15 ދުވަހެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމުމަށް މިމަހުގެ 20 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އިތުރު 10 ދުވަސް ދީފަ އެވެ.

މަންޑޭ ހައްޔަރުކުރުމުގެ ކުރިން ކޯޓު އަމުރެއްގެ ދަށުން މިދިޔަ މެއި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އޭނާ ފުރުން މަނާކުރުމަށްޓަކައި ޕާސްޕޯޓް ހިފެހެއްޓި އެވެ. މިމައްސަލަ މަންޑޭގެ ފަރާތުން ކޯޓަށް ހުށަހެޅުމުން މިމަހުގެ ހަތަރުވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ މަންޑޭގެ ޕާސްޕޯޓް ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ.

ޕާސްޕޯޓު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުމާ އެކު ރާއްޖެއިން ފުރައިގެން ދިއުމަށް މަންޑޭ މަސައްކަތް ކުރި ކަމަށް އިތުބާރު ހުރި ބައެއް ފަރާތްތަކުން އަވަސް އަށް ޔަގީންކޮށްދީފައިވެ އެވެ. އެކަމަކު އޭނާ ފުރޭ ގޮތް ނުވި ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ.

ކްރިމިނަލް ކޯޓުން މަމްދޫހުގެ ޕާސްޕޯޓް ދޫކޮށްލުމަށް އަމުރުކުރީ ޒަރޫރީ ބޭނުމެއްގައި އޭނާ ރާއްޖެއިން ބޭރަށް ދާން ޖެހުމާ ގުޅިގެން ކުރީގެ އަމުރު މުރާޖައާ ކުރުމަށްފަހު 45 ދުވަސް ތެރޭގައި އެނބުރި ރާއްޖެ އައުމަށް ޝަރުތުކުރުމަށްފަހު އެވެ.

މަމްދޫހުގެ ޕާސްޕޯޓު ހިފެހެއްޓީ "ކޭ ޕާކް ރެޒިޑެންސް" ފްލެޓްތަކުގެ މަޝްރޫއު ކުރިއަށް ގެންދާ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައި ހިއްސާދާރު އަދި ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ ފުލުހުންނަށް ހުށަހެޅީ މައްސަލަ ތަހުގީގުކުރާތީ މިދިޔަ މެއި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގަ އެވެ.

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޖިން ޝިހޫ އެވެ. މައިނޯރިޓީ ހިއްސާދާރަކީ މަމްދޫހު އެވެ. އެއީ ފަސް ޕަސެންޓް ހިއްސާ އެވެ.