ޖޭއެސްސީ

ވަރިވާން ހުށަހެޅި މީހަކަށް ގުޅި ގާޒީ ވަޒީފާއިން ވަކިކުރަން ނިންމައިފި

ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރު ކަމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އޭނާ ފަނޑިޔާރު ކަމުން ވަކިކުރަން ޖޭއެސްސީ އިން ނިންމީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ އަންހެނަކަށް ގުޅައި މެސެޖުކޮށް ހެދިކަން ކޮމިޝަންގެ ތަހުގީގަށް ސާބިތުވާތީ އެވެ. އެހެންވެ އޭނާ ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީ އިން މިއަދު ވަނީ ނިންމާފަ އެވެ.

ޖޭއެސްސީ އިން ބުނީ އަލީ އާދަމް ބަލަމުން ދިޔަ މައްސަލައިގައި ހިމެނޭ ހަސްމަކަށް ގުޅައި މެސެޖުކޮށް، ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި، ރަޙްމަތްތެރިކަން ބާއްވަން ހުށަހަޅާ އަދި ދެމަފިރިކަމުގެ ގުޅުމުގެ ޒާތީ މައުލޫމާތު އަހާފައިވާ ކަމަށެވެ. އަދި މި ނޫން ވެސް ޒާތީ އެކި މެސެޖުތައްކޮށް، ކުރާ މެސެޖުތައް ޑިލީޓްކޮށްފައި ބެހެއްޓުމަށް އެދި އަލީ އާދަމް މުވާސަލާތު ކޮށްފައިވާކަން ތަހުގީގަށް ލިބިފައިވާ ސްކްރީންޝޮޓްތަކުންނާއި، ބަޔާންތަކުން އަދި އަލީ އާދަމްގެ އިއުތިރާފުން ސާބިތުވާ ކަމަށެވެ.

ޖޭއެސްސީ އިން ބުނީ އަލީ އާދަމް މެސެޖުތައް ކޮށްފައިވާ ގޮތުން އޭނާ މަސައްކަތްކޮށްފައިވަނީ ނުނިޔަތެއްގައި ނުރަނގަޅު މަގުސަދެއް އޮވެގެން އެ ހަސްމު އެ ވަގުތު ހުރި ނާޒުކު ހާލަތުގެ ނާޖާއިޒު ފައިދާ ނެގުމުގެ ގޮތުންކަން ސާބިތުވާ ކަމަށެވެ.

އަލީ އާދަމް ކުރިންވެސް ހުންނެވީ އެކޮމިޝަނުން ބަލަމުންދާ މިބާވަތުގެ އެހެން މައްސަލައަކާ ގުޅިގެން މިއަހަރު މޭ 25 ވަނަ ދުވަހުން ފެށިގެން ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގާ ސަސްޕެންޑްކޮށްފަ އެވެ.

މީގެ ތެރޭގައި ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ރައްކާތެރިކަމުގެ އަމުރު ނެރެދިނުމާ ގުޅޭ މައްސަލައަކާއި، ތަފްރީގް ކޮށްފައިވާ ކައިވެންޏެއް ރުޖޫއަކޮށްދިން ކަމަށް ބުނާ މައްސަލައަކާއި އަމިއްލަ ޖަމިއްޔާއެއް އުފައްދައި ހަރަކާތްތެރިވި މައްސަލައެއް ވެސް ހިމެނެ އެވެ.

ގާޒީންގެ ސުލޫކީ މައްސަލަތައް ކޮމިޝަނަށް ހުށަހެޅުން އިތުރުވެފައިވާއިރު ގާޒީންނަށް އެކި ފިޔަވަޅުތައް އެޅުންވެސް ވަނީ އިތުރުވެފަ އެވެ.