ހަބަރު

ޝައިހާ މަރާލި މައްސަލާގައި މަންމަ ހައްޔަރުކޮށްފި

ށ. ނޫމަރާގައި ހަތަރު އަހަރުގެ ކުއްޖާ ގަޔަށް ވަޅިޖަހާ މަރާލި މައްސަލާގައި އެ ކުއްޖާގެ މަންމަ ހައްޔަރުކޮށްފި އެވެ. ރޭ މަރާލާފައިވަނީ ޝައިހާ ކިޔާ އަންހެން ކުއްޖެކެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނޫމަރާގައި ކުޑަކުއްޖަކު މަރުވެފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ރޭ 05:40 ހާއިރު ކަމަށެވެ. މި މައުލޫމާތު ލިބުމާއެކު ށ. ފުނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންގެ ޓީމެއް މިހާރު އެރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. މީގެއިތުރުން ހދ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުގެ ޓީމެއްވެސް އެރަށް ދިޔުމަށް ދަތުރުކުރަމުންދާއިރު ފޮރެންސިކް ފުލުހުން ހިމެނިގެން ފުލުހުންގެ ތަހުގީގު ޓީމެއް މާލެއިން އެރަށަށް ދިޔުމަށް ދަތުރުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނެފައިވަނީ ޝައިހާ މަރާލި މައްސަލައާ ގުޅިގެން 29 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ޝައިހާގެ މަންމަ، ށ. ފުނަދޫ، ދިނަށަ އައިމިނަތު ޝަހީދާ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ކުރިން ފުނަދޫގައި ދިރިއުޅެމުންދިޔަ މި އާއިލާ ނޫމަރާއަށް ބަދަލުވިތާ އަދި ވާނީ ތިން ހަފުތާ އެވެ. އަންހެން މީހާގެ އިތުރު ދެ އަންހެން ކުދިން ތިބޭއިރު ފިރިމީހާ ވަނީ ވަޑާމުގެ މަސައްކަތެއްގައި ހދ. އަތޮޅަށް ގޮހެވެ.

ށ. ނޫމަރާގައި ރޭ ހިނގި ހާދިސާގައި ކުޑަ ކުއްޖާގެ ގައިގެ އެކި ތަންތަނަށް ހުރީ ވަޅި ހަރައިފަ އެވެ. އެ ކުއްޖާގެ ގަޔަށް ހެރި ވަޅި ވެސް ވަނީ ލޭތަކާ އެކު އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ކަބަޑެއްގެ ތެރެއިން ފެނިފަ އެވެ.