ހަބަރު

ޓެރަރިޒަމްގެ ދައުވާ ނަޝީދަށް ކުރީ ރައީސްގެ އަމުރަށް: ނަޝީދުގެ އޮފީސް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލީ، ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަމުރުފުޅަށް ކަމަށް ރައީސް ނަޝީދުގެ އޮފީހުން ބުނެފި އެވެ. ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ، ކުރީގެ ޕީޖީ މުހުތާޒު މުހުސިންނެވެ. އޭނާ މިހާރު ވަނީ ވެރިކަން ވައްޓާލަން މަސައްކަތްކުރި ކަމުގެ ތުމުހަތުގައި ހައްޔަރުކޮށްފަ އެވެ.

ޕީޖީއިން އެންމެ ފުރަތަމަ ރައީސް ނަޝީދުގެ މައްޗަށް 2012 ވަނަ އަހަރު އުފުލީ ގާނޫނުލްއުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން، ދައުލަތުގެ މުއައްޒަފަކަށް ލިބިފައިވާ ބާރަކުން ކުށްނުކުރާ މީހަކު ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާ އެވެ. އަދި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އެމައްސަލައިގެ ޝަރީއަތް ހިންގަމުން ދަނިކޮށް، އެދައުވާ އަނބުރާ ގެންދަވައި، ރައީސް ނަޝީދުގެ މައްޗަށް ގާނޫނު ނަންބަރު 1990/10 (ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު)ގެ ދަށުން ޓެރަރިޒަމްގެ ކުށުގެ ދައުވާ ކުރީ 2015 ވަނަ އަހަރު އެވެ. ޓެރަރިޒަމްގެ ކުށުގެ ދައުވާގެ ޝަރީއަތް ނިންމައި، ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުކޮށް، 13 އަހަރު ދުވަހުގެ މުއްދަތަށް ރައީސް ނަޝީދު ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ.

ރައީސް ނަޝީދުގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ދައްކާދީފައިވާ މަގަކީ، ދައުލަތުގެ ތިން ބާރު ވަކިވެފައި އޮތުން ކަމަށާއި މިނިވަން މުއައްސަސާތަކުގެ މަސައްކަތް ކުރެވެންޖެހޭނީ ވެރިކަން ހިންގާ ފަރާތުގެ ބާރުވެރިކަމާއި އަމުރުވެރިކަމުން ނެއްޓި މިނިވަންކަމާއި، މުސްތަގިއްލުކަމާއެކުގައި ކަމަށެވެ.

ވެރިކަން ހިންގާ ފަރާތުން އަދުލު އިންސާފުގެ ނިޒާމުގެ ތެރެއަށް ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށާއި މީސްމީހުންގެ މައްޗަށް ދައުލަތުން ޖިނާއީ ދައުވާ ކުރުމުގައި އެކަން ކުރުމަށް ގާނޫނު އަސާސީ މަތިކޮށްފައިވާ ޕްރޮސިކިޔުޓާ ޖެނެރަލްއަށް ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް ވެސް ނަޝީދު އޮފީހުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

"އެހެންނަމަވެސް، މި އޮފީހަށް ލިބިފައިވާ ކަށަވަރު މައުލޫމާތުން ޔަގީންވާ ކަމަކީ، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 81 ވަނަ މާއްދާއިން ކުރެވުނު ދައުވާ އަނބުރާ ގެންދަވައި، ޓެރަރިޒަމްގެ ކުށުގެ ދައުވާ އުފުލާފައިވަނީ ސީދާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕްރޮސިކިޔުޓާ ޖެނެރަލްއަށް އެކަން އެހެން ކުރެއްވުމަށް އަމުރުކުރައްވައިގެންކަމެވެ،" ނަޝީދު އޮފީހުގެ ބަޔާނުގައިވެ އެވެ.

ރައީސް ނަޝީދުގެ އޮފީހުން ވަނީ، ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ޓެރަރިޒަމްގެ ކުށް ސާބިތުކޮށް 13 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމަކީ ބާތިލު ދައުވާއެއްގެ މައްޗަށް ކޮށްފައިވާ ބާތިލު ހުކުމެއް ކަމަށް ބުނެފަ އެވެ. އެހެންކަމުން ރައީސް ނަޝީދު ވަގުތުން ވަގުތަށް ދޫކޮށްލުމަށް އެ އޮފީހުން ވަނީ ގޮވާލާފަ އެވެ.